ޚަބަރު

ތަކެތީގެ އަގު އުފުލެމުންދާ މިދުވަސްވަރުވެސް ކިރުގެ އަގު ހިފެހެއްޓޭނެ: އަމުލް


ދުނިޔޭގެ ބާޒާރަށް ދިމާވެފައިވާ ތަފާތު އެކި ގޮންޖެހުންތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދާއިރުވެސް ކިރުގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް އިންޑިއާގެ މަޝްހޫރު އަމުލް ފެޑެރޭޝަނުން ބުނެފިއެވެ.

އަމުލް ބްރޭންޑަކީ ދުނިޔޭގައި 8ވަނައަށް އެންމެ ގިނައިން ކިރާއި ކިރު އެކުލެވޭ އުފެއްދުންތައް ބާޒާރަށް ނެރޭ ބްރޭންޑެވެ. އިންޑިއާގެ 4 މިލިއަނެއްހައި އުފެއްދުންތެރިންގެ މަސައްކަތް ދުނިޔޭގެ ބާޒާރުގައި ވިއްކަމުންދާ އަމުލް ފެޑެރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ރުޕިންދަރ ސިންގ ސޯދީ ވަނީ، ތަކެތީގެ އަގަށް ބަދަލު އަންނަމުންދާއިރު ކިރުގެ އަގަށް އައިސްދާނެ ބަދަލާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ސޯދީ ވިދާޅުވީ އިންފްލޭޝަނަކީ ކަންބޮޑުވާ މައްސަލައެއް ނަމަވެސް މި ދާއިރާއަށް އަސަރު ކުރާލެއް ކުޑަވާނެކަމަށެވެ. ސަބަބަކީ މަސައްކަތާއި ތަކެތީގެ އަގު އުފުލިފައިވާ މިންވަރާ އަޅާބަލާއިރު ޑެއިރީ މާކެޓުން ތަކެތީގެ އަގު ބޮޑުކޮށްފައިވަނީ ވަރަށް ކުޑަކޮށް ކަމަށާއި، އަގު މަތިވުމުން މަސައްކަތްތެރިންނަށް އިތުރު އުޖޫރައެއްވެސް ލިބޭތީކަމަށް އޭނާ ވިދާޅުވިއެވެ.

ސޯދީ ވިދާޅުވީ ބާޒާރުގައި ގިނަ ފިއްތުންތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ހަކަތައާއި، ލޮޖިސްޓިކްސްއާއި، ޕެކޭޖިންގެ އަގު ބޮޑުވުން ހިމެނެއެވެ. ޑެއިރީ ވިޔަފާރިއަށް ބަލާއިރު ފިނިކުރާ ނިޒާމުތަކާއި އެހެނިހެން މަރުޙަލާތަކުގެ ޚަރަދު 3 ގުނަ އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއެވެ.

ފާއިތުވި 2 އަހަރު އަމުލް ބްރޭންޑުގެ ދަށުން އުފައްދާ ތަކެތީގެ އަގު 8 އިންސައްތަ ބޮޑުކޮށްފައިވެއެވެ. އެގޮތުން 1 ލީޓަރު ކިރުން 1.20 ރުޕީސް ބޮޑުކޮށްފައިވެއެވެ. މީގެ އިތުރުން މިދިޔަ މަހު ކިރު ލީޓަރަކުން 2 ރުޕީސް އަގުބޮޑުކޮށްފައި ވެއެވެ. ޕެންޑެމިކް ތެރޭގައި އުފެއްދުންތަކުގެ އަގު ބޮޑުވުމުން މަސައްކަތްތެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ކޮންމެ ކިރު ލީޓަރަކުން 4 ރުޕީސް އިތުރަށް ޖެހޭކަމަށް އަމުލްއިން ބުނެއެވެ.

އަމުލް ފެޑެރޭޝަނުން ހާމަކުރާގޮތުގައި ރަޝިޔާގެ ހަނގުރާމައާއި، ސަޕްލައި ޗެއިންގެ ދަތިތަކަކީ، ޑެއިރީ އެކްސްޕޯޓު ފުޅާކޮށް، އިތުރު އާމްދަނީއެއް ހޯދުމަށް ލިބިގެންދާ ފުރުޞަތެކެވެ. އެގޮތުން ހަމައެކަނި ޕެންޑެމިކުގައި އަހަރެއްގެ މައްޗަށް އަމުލްގެ އެކްސްޕޯޓުތަކުން ހޯދި އާމްދަނީ 3 ގުނަ އިތުރުކޮށް، 1400 ކުރޯޑު ރުޕީސް ހޯދާފައިވާކަމަށް އަމުލްގެ މެނޭޖިންގ ޑިރެކްޓަރ ސޯދީ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ދާއިރާގެ ވިޔަފާރިވެރިންނަށް ބާޒާރުގެ ފިއްތުންތަކުން އިތުރު މަންފާއެއް ހޯދުމުގެ ފުރުޞަތު އެބައޮތްކަން ސޯދީ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކިރުގެ އަގު ދަށަށް ނުދިޔަ ނަމަވެސް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެކަމަށް ބެލެވޭކަމަށެވެ.