ޚަބަރު

އައްޑޫ ސިޓީ ކައުންސިލް އެސްޖީގެ އިތުބާރު ނެތްކަމަށް ފާސްކޮށްފި


އައްޑޫ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝުޖާއުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި އޭނާ މަޤާމުން ވަކި ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީކަމުގެ މަގާމަށް ޝުޖާއު އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. ޝުޖާއު މަގާމުން ވަކިކުރުމަށް 5 މެމްބަރުންގެ ސޮޔާއިއެކު ކުއްލި މައްސަލައެއް ކައުންސިލަށް ހުށައެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ނާދިރެވެ. ޝުޖާއާ ދެކޮޅަށް ހުށައެޅި މައްސަލާގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް މަޤާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެއެވެ.

ޝުޖާއަށް އިތުބާރު ނެތްކަމަށް ނިންމާ މަޤާމުން ވަކިކުރަން ކައުންސިލުން ފާސްކުރިކަން ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއުވަނީ ކަށަވަރުކޮށްދީފައެވެ. ޝުޖާއަށް އިތުބާރު ނެތްކަމަށް ކައުންސިލުން ފާސްކުރީ 6 މެމްބަރުންގެ ތާއީދާއެކުއެވެ. ޝުޖާއު އާ އެއްކޮޅަށް ވޯޓު ދީފައިވަނީ 5 މެމްބަރެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މަގާމުން ވަކިކުރުމަށް ކައުންސިލުން ފާސްކުރުމުން ދެން އެ މައްސަލަ ހުށައަޅަންޖެހޭނީ ސިވިލް ސަރވިސް ކޮމިޝަނަށެވެ. އެއަށްފަހު އެ ކޮމިޝަނުން އޭނާ ރަސްމީކޮށް މަގާމުން ވަކި ކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނެއެވެ.

ކައުންސިލްތަކަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރަނީ ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ އިންޓަރވިއުގެ އިތުރުން، ޚާއްސަ އިމްތިހާންތަކެއްވެސް ބޭއްވުމަށްފަހުއެވެ. އަދި، ސިވިލް ސަރވިސް ކޮމިޝަނުން ހޮވާ އެސްޖީން މަގާމަށް އައްޔަން ކުރުމުގެ ކުރިން ކައުންސިލްގެ ރުހުން ހޯދަން ޖެހެއެވެ.