ޚަބަރު

އެމްއެމްޕީއާރުސީ މައްސަލައިގައި ޤާނޫނު އިސްލާހުކޮށްގެންވެސް ފައިސާ އަނބުރާ ހޯދާނަން: އޭސީސީ


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.

އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުން މިއަދު ވަނީ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މީޑިއާއަށް މައުލޫމާތު ދެއްވާފައެވެ.

އޭސީސީ މެމްބަރުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވަނީ ތަހުގީގް ކުރަމުންދާ މައްސަލަތަކުގެ ތެރެއިން ރައްޔިތުންނާއި އެންމެ ގުޅުންބޮޑު، އަދި ދައުލަތަށް ލިބެންޖެހޭ އެންމެ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ އެމްއެމްޕީއާރުސީ މައްސަލަގައި ތަހުގީގް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލް ދެއްވާފައެވެ.

މިހާތަނަށް މިމައްސަލަ ބަލަމުން ދިޔައީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި އުފައްދަވާފައިވާ ކޮމިޝަނުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަމަހު އެކޮމިޝަން އުވާލުވުމާއި ގުޅިގެން އެމްއެންޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމުގެ ޒިންމާ ވަނީ އޭސީސީއައި ހަވާލުކުރެވިފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށްކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އޭސީސީގެ ނާއިބް ރައީސް އަލްއުސްތާޛް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލާނެ މައްސަލަކަމަށެވެ. މިމައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ތަހުގީގް މަރުހަލާއިން ފެށިގެންވެސް ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށްކަމަށާއި ކޮމިޝަނުން ތަހުގީގަށް މިހާރު 12 އިންވެސްޓިގޭޓަރުން ކަނޑައަޅައި، ފުލުހުންނާއި، ޕީޖީ އޮފީހާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަލާމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ މައްސަލަގައި އެންމެ ބޮޑަށް ފޯކަސް ކުރާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް. އަޅުގަނޑުމެން ޤާނޫނުތަކައި ގަވާއިދު ތަކަށް ބަދަލު ގެނެސްގެންވެސް، ޖިނައީ އަދުލުގެ ނިޒާމުގައި ބުނެފައިވާ ފައިސާ ހޯދުުގެ ބަޔަށް ޚައްސަ އިސްކަންދޭނަން." އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވިއެވެ.

އޭސީސީން މިތަހުގީގް ކުރިއަށް ގެންދާއިރު އިސްކަންދޭނެ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ވިދާޅުވީ، އެންމެ އިސްކަމެއް ދޭނީ ތަހުގީގް ކުރުމުގައި ރިކަވާ ކުރެވޭ ނިޒާމު ހަރުދަނާ ކުރަން ކަމުގައެވެ. އަދި ކޮންމެ މައްސަލައެއްގެ ތަހުގީގް ފަށާއިރުވެސް އެމައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގް މަރުހަލާ ތެރެއިންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތަސް ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަމީ އާންމު ރައްޔިތުންނާއި، ދައުލަތުގެވެސް އެންމެ ބޮޑު ކަންބޮޑުވުން. މިހާރު ދަނީ ދިރާސާ ކުރަމުން އެސެޓް ރިކަވާ ކުރުމަށް ކުރަންޖެހޭ ކަންކަން. ޤާނޫނު އިސްލަހު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ. މިހާތަނަށް އެސެޓް ރިކަވާ ކުރެވޭނެ ނިޒާމެއް ނެތް." ޝިޔާމާ ވިދާޅުވިއެވެ.

ޝިޔާމާ ވިދާޅުވީ އޮޑިޓް އޮފީހާއި، އޭސީސީން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގައިވެސް އެސެޓް ރިކަވާ ކުރުމުގެ ބައި އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގޮސްފައިނުވާކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ގުޅުންހުރި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށްއޮތްތަނުގައި މަސައްކަތް ކުރެވިގެންދާނެކަމަށް ޝިޔާމާ ފާހަގަކުރެއްވިއެވެ.