ޚަބަރު

ކޮމިޓީތަކުގެ މަސައްކަތް ލަސްވާތީ މަޖިލީހުގެ ރައީސް ކަންބޮޑުވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މަސައްކަތްތައް ލަސްވާތީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކުގައި މިވަގުތު 25 ބިލެއް އެބައޮތްކަމަށެވެ. ނަމަވެސް އެ ބިލުތަކުގެ މަސައްކަތް ނުނިމި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ނަޝީދު ވިދާލުވީ އެ ބިލުތަކުގެ މަސައްކަތް ހަލުވިކުރުމަށް ހުރިހާ މެންބަރުންވެސް މަސައްކަތްކުރަން ޖެހޭކަމަށެވެ.

"މި ބިލުތައް ނުނިމި ކޮމިޓީތަކުގައި ވުމުގެ ބަދަލުގައި އަވަހަށް ބިލްތައް ނިންމާލެވޭނޭ ގޮތެއް، އެފަދަ ވިސްނުމެއް އިއްޒަތްތެރި މެންބަރުން ގެންގުޅުއްވުމަކީ ބޭނުންތެރި ކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް 36 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވެއެވެ. އެ ބިލުގެ ތެރޭގައި އަލަށް ހުށަހަޅާ 15 ބިލަކާއި، 21 ޤާނޫނަކަށް އިސްލާހު ގެނައުމަށް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މަޖިލީހުގެ މިދައުރުގައިވެސް ގިނަ ބިލުތަކެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ނިމިދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅުނު ބިލުތަކުގެ ތެރެއިން ނުނިމިހުރި ބައެއް ބިލްތަކުގެ މަސައްކަތް މިހާރުވެސް މަޖިލީހުގެ ކޮމެޓީތަކުން ދަނީ ކުރަމުންނެވެ.