ޚަބަރު

ލީބިޔާގެ އަތްތެރި މަސައްކަތްތެރިންގެ ހުރިހާ ވަގުތެއް ބައު ޚަތިމްތައް މަރާމާތުކުރުމުގައި


އާބާދީގައި މުސްލިމް އަޤްލަބިއްޔަތެއް އޮންނަ ލީބިޔާގައި ކޮންމެ ރޯދަމަހެއް ފެށުމުގެ ކުރިން އައު ޚަތިމް ގަތުމަކީ އެ ޤައުމުގެ މުސްލިމުން ރޯދައަށް ތައްޔާރުވުމަށްޓަކައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެހެންނަމަވެސް އެ ޤައުމުގެ މާލީ ޙާލަތު ދަށްވެ، އައު ޚަތިމް ގަތުމުގެ ތަނަވަސްކަން މި އަހަރު ލިބިފައިވަނީ ވަރަށް މަދު ބަޔަކަށެވެ. އެހެންކަމުން ޒަމާނުއްސުރެ އޮތް ސަގާފަތް ދޫކޮށްލާ ގިނަ ބަޔަކަށް މަޖްބޫރުވެފައިވަނީ އައު ޚަތިމް ގަތުމުގެ ބަދަލުގައި ބައު ޚަތިމް އަލުން މަރާމާތުކޮށް ބޭނުންކުރާށެވެ.


ލީބިޔާގައި ބައު ޚަތިމް މަރާމާތުކޮށްދޭ ގިނަ ވޯކްޝޮޕްތަކެއް ހުރެއެވެ. ގިނަ އަދަދެއްގެ ބަޔަކު ބައު ޚަތިމް މަރާމާތުކުރަން އެދެން ފެށުމުން މި ތަންތަނުގައި މަސައްކަތްކުރާ ދަރުމަވެރިންނަށް ވަނީ ވަރަށް ބާރުބޮޑުވެފައެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ ދަރުމަވެރިން އަންނަނީ ރެއާއި ދުވާލު މަސައްކަތްކޮށްގެން ބޭނުންކޮށްފައިވާ ބައު ޚަތިމްތައް މަރާމާތުކޮށް، ކުޑަ އަގެއްގައި މުސްލިމުންނަށް ފޯރުކޮށްދެމުންނެވެ.

ލީބިޔާގައި ޚަތިމް މަރާމާތުކޮށްދިނުމުގެ މަސައްކަތުގައި މަޝްހޫރު މީހެއް ކަމަށްވާ ޚާލިދު އަލް ދުރޭބީ އަކީ ކޮންމެ ދުވަހަކު ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ ވޯކްޝޮޕަށް ގޮސް ޚަތިމްތައް މަރާމާތުކުރުމުގައި ބައިވެރިވާ އެތަކެއް އަތްތެރި މަސައްކަތްތެރިންނެއްގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ބުނީ ޗާޕު ކުރާ ތަންތަނުގެ މަސައްކަތް ހުއްޓި، އަމިއްލަ ޤައުމުގައި ޤުރުއާނުގެ ދެލިކޮޕީ ތައްޔާރުކުރުން ހުއްޓުނު ފަހުން، ޚަތިމެއްގެ އަގު ފަރުމާއަށް ބިނާކޮށް 20 ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށެވެ. ނަމަވެސް މިސްކިތުންނާއި ގޭގެއިން ގެނެސްދޭ ދުވަސްވީ އަދި ބައުވެ ގެއްލުންވެފައިވާ ޚަތިމްތައް މަރާމާތުކުރުމަށްފަހު ވަރަށް ކުޑަ އަގަކަށް ވިއްކޭކަމަށް އޭނާ ބުންޏެވެ.

ވޯކްޝޮޕްގައި މަސައްކަތްކުރާ އަތްތެރި މަސައްކަތްތެރިން ބުނާގޮތުން ގެއްލުމުގެ މިންވަރަށް ބިނާކޮށް އެންމެ ފުރަތަމަ ޚަތިމްތައް ބައިކުރަނީއެވެ. އެއަށްފަހު އެއްކޮށް ފޮތް ރޫޅާލުމަށްފަހު ޞަފްޙާތައް މަރާމާތުކޮށްގެން ތަރުތީބުކުރުމަށްފަހު އަލުން ބައިންޑްކުރަނީއެވެ. އެމީހުން ބުނާގޮތުގައި ކުޑަ މަރާމާތެއް ބޭނުންވާ ޚަތިމްތައް ގަޑިއެއްގެ ތެރޭގައި ނިންމާލެވެއެވެ. އެހެންނަމަވެސް ވަރަށް ބޮޑަށް ބައު ވެފައިވާ ފޮތްތަކަށް ދެގަޑިއިރަށްވުރެ އިތުރަށް ވަގުތު ހޭދަކުރަންޖެހެއެވެ. ވަރަށް ބޮޑު ސަމާލުކަމަކާއި ކެތްތެރިކަމެއް ބަހައްޓައިގެން މި މީހުން ކުރާ ކަވި މި މަސައްކަތް ކުރަނީ މުޅިން ހިލޭ ސާބަހަށެވެ. އެމީހުން ބުނާގޮތުން ޤުރުއާނަށް ޚިދުމަތްކުރުމަކީ ލިބޭ އުފަލެކެވެ.

އަގުގެ އިތުރުން ބޭނުންކޮށްފައިވާ ޚަތިމްތަކަށް މީހުންގެ ލޯބި ޖެހޭލެއް ބޮޑުކަމުން، ލީބިޔާގައި ކީރިތި ޤުރުއާން މަރާމާތުކޮށްދޭ ވޯކްޝޮޕްތަކުގެ މަޤުބޫލުކަން އިތުރުވެ، ގިނަ ޢަދަދެއްގެ ޢުމުރުން ދުވަސްވީ މީހުންނާއި، އަންހެނުން މި މަސައްކަތުން އާމްދަނީ ހޯދަމުންދާކަމަށް ޚާލިދު ބުންޏެވެ. އޭނާ ބުނީ ގިނަ ބަޔަކަށް މި މަސައްކަތުގެ ތަމްރީނުތައް ދީފައިވާކަމަށެވެ. އެގޮތުން 2008 އިން ފެށިގެން މިހާތަނަށް 150 ތަމްރީން ވޯކްޝޮޕަކުން 1500 މަސައްކަތްތެރިން ދަސްވެނިވެފައިވާކަމަށް އޭނާ ބުންޏެވެ. އަދި ޤުރުއާނުގެ ބައި މިލިއަން ކޮޕީ މަރާމާތުކުރުމަށްފަހު ނެރެފައިވާކަން އޭނާ ފާހަގަކުރިއެވެ.

ލީބިޔާގައި އަންހެނުންނަށް ޚަތިމު މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭން ވޯކްޝޮޕް ހިންގަނީ ހުނަރުވެރި އަންހެނުންނެވެ. މިއީ އެމީހުން ގޭގައި ތިބެގެންވެސް ކުރެވޭ އަދި ވަގުތު ހެޔޮ ގޮތުގައި ފުރާލުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި އެމީހުން ބުނެއެވެ. ލީބިޔާގައި ރޯދަމަހަށް ޚާއްޞަކޮށްގެން ކުރާ މި މަސައްކަތުގެ އާދަ ފެށިފައިވަނީ ހަނގުރާމައިގެ ޙާލަތުގެ ސަބަބުން އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓިފައިވާތީއެވެ. މިއީ އެމީހުން އުފަލުން ކުރާ މަސައްކަތެކެވެ.