ޚަބަރު

ވެކްސިން ޖަހާ ރޭޓް ދަށަށް!


ވޭތުވެދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވެފައިވީނަމަވެސް އެޗްޕީއޭއިން ދަނީ ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކުރަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިހާރު ވެކްސިންގެ ތަފާސް ހިސާބުތައް އާއްމުކުރަމުންދަނީ ކޮންމެ ހަފްތާއަކު އެއް ފަހަރެވެ.

އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ، އާއްމު ޙާލަތަށް ގިނަ ކަންތައްތަކެއް ގެނައި ނަމަވެސް، ޑޮކްޓަރުން އަދިވެސް ދަނީ ކޯވިޑް ދިފާޢު ވެކްސިން ޖެހުމަށް އިލްތިމާސްކުރަމުންނެވެ. މިއީ ބަލިމަޑުކަމުގައި މީހާގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ޖަހާ ވެކްސިނެކެވެ. ނަމަވެސް ވެކްސިން ޖެހުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވާން ފަށާފައެވެ.

ކޯވިޑްގެ ބޫސްޓަރ ޑޯސް ޖަހަން ފެށި ފަހުންވެސް އާއްމުކޮށް ދުވާލަކު ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ މީހުންގެ އަދަދު ހުރީ 2000އިން މަތީގައެވެ. ނަމަވެސް ވޭތުވެދިޔަ 7 ދުވަހު ބޫސްޓަރ ޑޯޒް ޖެހީ ޖުމްލަ 2048 މީހުންނެވެ. ވެކްސިން ޖެހޭ އާބާދީގެ ތެރެއިން ބޫސްޓަރ ޑޯޒް މިހާތަނަށް ފުރިހަމަކުރީ އާބާދީގެ %34.64 މީހުންނެވެ. އަދި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 156856 އެވެ.

މިދިޔަ ހަފްތާގައި ވެކްސިންގެ 2 ޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރީ 167 މީހުންނެވެ. ޖުމްލަ 383768 މީހުން ދެ ޑޯޒް ޖަހާފައިވާއިރު އެއީ ވެކްސިން ޖެހޭ އާބާދީގެ %84.75 މީހުންނެވެ.

މިދިޔަ ހަފްތާގައި މުޅިން އަލަށް 66 މީހުން ވެކްސިން ޖެހިއެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް 398525 މީހުން ވަނީ ޖަހާފައެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ %88.01 މީހުންނެވެ.

ރަމަޟާންމަހު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައެވެ. މި ދެ ހޮސްޕިޓަލުންވެސް ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން 11 އަށް ވެކްސިން ޖެހުން ކުރިއަށްދާނެއެވެ. ދެ ސެންޓަރުގައިވެސް ޖަހަނީ ފައިޒަރ ވެކްސިނެވެ.