ޚަބަރު

ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު 177000 އިން މައްޗަށް


ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު އެއްލައްކަ ހަތްދިހަ ހަތްހާހުން މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 27 އިން މިމަހުގެ 2ގެ ނިޔަލަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 665 މީހުންނެވެ.

ކޯވިޑް ފެތުރޭ ނިސްބަތް ރާއްޖޭގައި ދަށްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންވަނީ ކޮންމެ ދުވަހަކު ރިޕޯޓުކުރުން ހުއްޓަލާ ހަފްތާއަކު އެއްފަހަރު ތަފާސްހިސާބު ޢާއްމުކުރަން ފަށާފައެވެ. އެގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު ޕޮޒިޓިވްވެފައިވާ 665 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 72 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓީވްވެފައިވާ 481 މީހެކެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ ޢަދަދުވަނީ 177658 އަށް އަރާފައެވެ.

މިދިޔަ ހަފްތާގެ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު އާދިއްތަ ހޯމަ އަދި އަންގާރަ ދުވަހު ޕޮޒިޓިވްވީ މީހުންގެ ޢަދަދު ހުރީ 100 އާއި 145އާއި ދެމެދުގައެވެ. އޭގެފަހުން ބުދަ ދުވަހުން ފެށިގެންވަނީ ޕޮޒިޓިވްވާ ޢަދަދުތައް ދަށްވެފައެވެ. އެގޮތުން ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ 73 މީހުންނެވެ. ޢަދަދުތައް ދަށަށް ގޮސްފައިވާއިރު ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 40 މީހެކެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 40 މީހުންގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން ޕޮޒިޓިވްވީ 18 މީހަކާއި މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 4 މީހެކެވެ.

ކޯވިޑް ފެތުރެން ފެށިފަހުން ފާއިތުވެދިޔަ ދެއަހަރުތެރޭގައި ރާއްޖެއިން މިބައްޔަ އެއްލައްކަ ހަތްދިހަ ހަތްހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މިބަލީގައި ރާއްޖެއިންވަނީ 298 މީހަކު ނިޔާވެފައެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު ރާއްޖޭގައިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައެވެ. 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ޢިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވަނީ މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހުއެވެ. އެއާއެކު ކޯވިޑުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތައްވަނީ އުވާލާފައެވެ. އެހެންނަމަވެސް ރައްކާތެރިކަމަށްޓަކާ މާސްކު އެޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.