ދުނިޔެ

އުތުރު ކޮރެޔާގެ މައްސަލައިގައި އެމެރިކާއާއި ކޮރެޔާ ބައްދަލުކޮށްފި


މިމަހުގެ ކުރީކޮޅު އުތުރު ކޮރެޔާއިން ކުރި ނިއުކްލިޔަރ ޓެސްޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާ އާއި ދެކުނު ކޮރެޔާ ސަރުކާރުގެ އިސް މަސްއޫލުވެރިން ބައްދަލުކުރައްވައިފިއެވެ.ޖަޕާނުގެ ވެެރިރަށް ޓޯކިއޯގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވަޑައިގެންނެވީ އެގައުމުގެ ޚާރިޖީ ވަޒީރުގެ ނަޢިބު އެންތޮނީ ބްލިންކެންއެވެ. އަދި ދެކުނު ކޮރެއާގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިގެންނެވީ އެގައުމުގެ ޚާރިޖީ ވަޒީރުގެ ނަޢިބު ލިމް ސަންްގް ނޭމްއެވެ.މި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ދެކުނު ކޮރެޔާގެ ޚާރިޖީ ވަޒީރުގެ ނަޢިބު ވިދާޅުވީ، އުތުރު ކޮރެޔާއިން ކުރި ނިއުކްލިޔަރ ޓެސްޓްގެ ރައްދުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި މިފިޔަވަޅުތަކަކީ އުތުރު ކޮރެއާއަށް އެކަނި ދޭ އިންޒާރެއް ނޫން ކަމަށާ، މިއީ ބައިނަލްއަޤްވާމީ ދުނިޔެއަށް ވެސް ދެވޭނެ އިންޒާރެއް ކަމަށް ވެސް ލިމް ވިދާޅުވިއެވެ.ބްލިންކެން ވިދާޅުވީ، އެމެރިކާއާއި ދެކުނު ކޮރެޔާ އަދި ޖަޕާނަށް ވެސް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި، މިކަމުގައި ތިން ގައުމުންވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އުތުރު ކޮރެއާއިން އެންމެ ފަހުން ކޮށްފައިވަނީ ހައިޑްރަޖަން ނިއުކްލިޔަރ ޓެސްޓެއް ކަމަށް އެގައުމުން ވަނީ ބުނެފައެވެ.