ޚަބަރު

ދަރަވަންދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފި


ދަރަވަންދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށް އެމަސައްކަތް ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

ބ.ދަރަވަންދޫ ފެނުގެ ނިޒާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެ، ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބ.ދަރަވަންދޫގައި ޤާއިމްކުރި ފެނުގެ މި މަޝްރޫޢުގެ ދަށުން 25 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓްވަނީ ބަހައްޓާފައެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓރީން ވިދާޅުވެއެެވެ.
މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބަހައްޓާ 11.2 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ދަރަވަންދޫގައި ވަނީ ޤާއިމްކޮށްފައެވެ. އަދި ފެން އުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، ދަރަވަންދޫގައި ހުރި ފެނުގެ ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް 600 ޓަނުގެ ތާނގީއެއްވަނީ ބަހައްޓާފައެވެ.

މި މަޝްރޫޢުގެ ދަށުން ފެނުގެ ޒަމާނީ ނިޒާމެއް ދަރަވަންދޫގައި ޤާއިމްކޮށް 362 ކަނެކްޝަނެއް ގުޅައިދީ މީޓަރު ހަރުކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓރީން ވިދާޅުވެއެވެ.

މި ނިޒާމުން ފެން އުފެއްދުމުގެ އޮޕަރޭޝަނުގައި ހިމަނާފައިވާ ވާރޭފެނުގެ ނިޒާމާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން ހިންގުމުގެ ޚަރަދުން ގާތްގަނޑަކަށް 30 އިންސައްތަ ސަލާމަތްކުރެވޭނެ ކަމަށް ބެލެވޭކަމަށާ، ނިޒާމް ހިންގުމަށް ހަމަޖެހިފައި ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށްވުމުން ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ސޯލާ ޕެނަލް މިމަޝްރޫޢުގެ ދަށުން ވަނީ ޤާއިމްކޮށްފައެވެ.

ބ.ދަރަވަންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 33,273,032.22 (ތިރީސް ތިން މިލިއަން ދުއި ސައްތަ ހަތްދިހަ ތިން ހާސް ތިރީސް ދެ ރުފިޔާ ބާވީސް ލާރި) ޚަރަދުކޮށްފައިވެއެވެ.

މިމަޝްރޫއު ހިންގާފައިވަނީ ގްރީން ކްލައިމެޓް ފަންޑްގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރާއި ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކުއެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތްކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީން ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ ބޯފެނުގެ ނިޒާމް ތަޣައްޔަރުވެފައިވުމުން، ސާފުބޯފެން ހުރިހާ ރަށަކަށްވެސް ފޯރުކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ދަރަވަންދޫގައި ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ.

މިމަސައްކަތް ހިންގުން ފެނަކަ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، މިކަމަށް މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.