ޚަބަރު

ނީލަން ފިހާރަތައް ކައިރީ ބަހައްޓާފައި ހުންނަ ތަކެތި ނަގަނީ


ކުރީގެ އެއް ނަންބަރު
ކުނިކޮށި ކައިރީގައި ހުންނަ ނީލަން ފިހާރަތަކުގެ ކައިރީގައި އަތުރާފައިވާ ހުންނަ
ތަކެތި ކޮންމެ ހަފްތާއަކު އެއްފަހަރު ނެގުމަށްފަހު ނައްތާލަމުންދާކަމަށް ހައުސިންގ މިނިސްޓްރީން
ހާމަކުރައްވައިފިއެވެ.



ކުރީގެ އެއް ނަމްބަރު ކުނިކޮށި
ކައިރީގައި ހުންނަ ނީލަން ފިހާރަތަކުގެ ކައިރީގައި މަގުމަތީގައި ތަކެތި
ބެހެއްޓުމަކީ މަނާކަމެކެވެ. އެހެންނަމަވެސް އެސަރަޙައްދުގައި ގިނަ އަދަދެއްގެ އެކި
ބާވަތުގެ ތަކެތި ނީލަން ކިޔުމަށް ބަހައްޓާ، އެތަކެތި ވިއްކުމުގެ މަސައްކަތް އެކި ފަރާތްތަކުން
ދަނީ ކުރަމުންނެވެ.



ހައުސިންގ މިނިސްޓްރީގެ  އާންމު ޚިދުމަތާ ބެހޭ ބައިގެ ޑިރެކްޓަރ
ޖެނެރަލް އަބްދުލް ހަމީދު އަލީ ވިދާޅުވީ މީގެކުރިން ވެސް ނީލަން ފިހާރަތަކުގެ
ކައިރީގައި އަތުރާފައި ހުންނަ އެއްޗެހި ނައްތާލާފައިވާނެކަމަށާއި ނަމަވެސް މިހާރު
މިކަން މި ފެށުނީ އެއްޗެހި ނައްތާލުން މެދުކެނޑުމަށްފަހުކަމަށެވެ. އަދި އެއްޗެހި
ވިއްކުމުގެ މަސައްކަތްކުރުމަށް ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާކަން
ފާހަގަ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.



މިގޮތަށް ތަކެތި ބަހައްޓައިގެން
ވިއްކަމުންދާ މީހުންނަށް މިކަން މިގޮތަށް ނުކުރުމަށް ހައުސިންގ މިނިސްޓްރީން
ނަސޭހަތް ތެރިވަމުންދާކަމަށް ހަމީދު ވިދާޅުވިއެވެ.



ނީލަން ފިހާރަ ސަރަހައްދުގައި
ވަރަށް ގިނަ އަދަދެއްގެ އެކި ވައްތަރުގެ އެއްޗެހި ނީލަން ކިޔުމަށްޓަކައި
އަތުރާފައި ހުރެއެވެ.