ޚަބަރު

ފިއްތުންތަކާއެކުވެސް އިންޑިޔާއިން އިސްކުރީ ރަޙުމަތްތެރިކަން


ހުޅަނގުގެ ބާރުތަކުން ފިއްތުންތައް ކުރިމަތިކުރުވި ނަމަވެސް ރަޝިޔާއާއެކު އޮންނަ ގުޅުންތައް ހީނަރުވުމަށް ޖާގަނުދޭނެކަން އިންޑިޔާއިން ސާބިތުކޮށްދީފިކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގައި ލަވުރޯފު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ނިޔު ދިއްލީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސުބްރަމާންޔަމު ޖައިޝަންކަރާ ބައްދަލުކުރައްވައި ލަވުރޯފު ވިދާޅުވީ އިންޑިޔާއަކީ ވަކި ފަރާތަކަށް ޖެހިފައިވާ ޤައުމެއް ނޫންކަން ސާބިތުކޮށްދީފިކަމަށާއި ޔޫކްރެއިނުގެ ހަނގުރާމާގައި އިންޑިޔާއިން ބަލަމުންދަނީ ފެންނަންހުރި ހެކިތަކަށްކަމަށެވެ. ލަވުރޯފު އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށްވަނީ ފިއްތުންތައް ކުރިމަތިކޮށްފައެވެ. އަދި ޑޮލަރާއި ޔޫރޯ ބޭނުންނުކުރޭނެ ގޮތަށް އަޅާފައިވާ ފިޔަވަޅުތަކުގެ ބަދަލުގައި ރަޝިޔާއިން އިތުރު ގޮތްތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިނުވުމަށް އެ ޤައުމުތަކުންވަނީ އިންޑިޔާގެ ކިބައިން އެދިފައެވެ. ނަމަވެސް ލަވުރޯފު ވިދާޅުވީ އިންޑިޔާއާއި ރަޝިޔާއަކީ ރަޙުމަތްތެރި ދެ ޤައުމުކަމަށާއި އެ ދެ ޤައުމުގެ މާލީ ނިޒާމުގައި ވަރަށް އެއް ގޮތް ކަންތައްތަކެއް ހުރިކަމަށެވެ. އެ ގޮތުން މާލީ މުޢާމަލާތްތަކުގައި ޑޮލަރާއި ޔޫރޯގެ ބަދަލުގައި އެ ދެ ޤައުމުގެ ރަސްމީ ފައިސާ ބޭނުންކުރުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިޔާގެ އަސްކަރިއްޔާއަށް ބޭނުންވާ ގިނަ ހަތިޔާރުތައް ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. އޭގެ އިތުރުން އިންޑިޔާއަށް ބޭނުންވާ ތެލާއި ގޭހުގެ ބޮޑު ނިޞްބަތެއްވެސް ރަޝިޔާއިން ފޯރުކޮށްދެއެވެ. އެ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނުގައި ހަނގުރާމަ ފެށުނުފަހުން ރަޝިޔާއިންވަނީ ހެޔޮ އަގެއްގައި އިންޑިޔާއަށް ތެލާއި ގޭސް ވިއްކައިފައެވެ.

އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން ލަވުރޯފުވަނީ ޗައިނާއަށް ވަޑައިގެން އެ ޤައުމުގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ވާންގް ޔީ ވިދާޅުވެފައިވަނީ ޗައިނާއިން ބޭނުންވަނީ ރަޝިޔާއާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމަށްކަމަށެވެ.

ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ އިންޑިޔާއާއި ޗައިނާއިން ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި އދގެ ސަލާމަތީ މަޖިލީހާއި އދގެ ޢާއްމު މަޖިލީހުގައިވެސް ރަޝިޔާއާ ދެކޮޅަށް އެ ދެ ޤައުމުން ވޯޓު ދީފައެއް ނުވެއެވެ.