ޚަބަރު

ހުޅުމާލޭގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗެއް ޤާއިމުކޮށްފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ހުޅުމާލޭގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.

އެޗް.ޑީ.ސީގެ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަޤުސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ. އަދި މި ވަސީލަތްތައް ދިވެހިރާއްޖޭގެ މިމާހައުލާ ގުޅޭ މިންވަރު ބެލުމަށްފަހު މިތަކެތި ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިގެންދާނެއެވެ. ރާއްޖޭގައި ފުރަތަމަފަހަރަށް މި ޤާއިމްކުރެވުނު ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އަކީ ސިޓީއަށް އިތުރު ފުރިހަމަ ކަމާއި ރީތިކަން ގެނެސްދޭފަދަ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ އޮމްނިފްލޯގެ އުފެއްދުމެކެވެ.

ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ހަލުވި ސްޕީޑުގައި ރާއްޖެ ކުރިއަރަމުން އަންނައިރު އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި އެޗް.ޑީ.ސީ އިސްވެ މި ނެންގެވި ފިޔަވަޅަކީ އިރުގެ އަލިން ހަކަތަ ލިބިދޭ މިންވަރަށް ބަލާއިރު ރާއްޖެފަދަ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ޤައުމެއްގައި ރައްޔިތުންނަށް ފައިދާ ކުރަނިވިގޮތެއްގައި ފޯރުކޮށްދެވޭނެ މުހިއްމު ޚިދުމަތެއްކަމަށެވެ. އަދި މިފަދަ އިތުރު ވަޞީލަތްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުވެގެން ދިއުމަކީ ކުރާ އުއްމީދެއްކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިފަދަ ވަސީލަތްތަތަކަކީ ރައްކާތެރިގޮތެއްގައި ތިމާވެށި ދެމެހެއްޓުމަށްޓަކާ ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް. އަދި އެހެންމެ ރާއްޖެއަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރާ ޤައުމަކަށް ހެދުމަކީ މި ސަރުކާރުގެ އެއް އަމާޒު. އަދި އެކަމަށްޓަކާ މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަކުރެވުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އަރބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެކަމުގެ ޔަޤީންކަން އޭނާ އަރުވާފައިވެއެވެ.

އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ތައާރަފުކުރެވުނު ސްމާޓް ޕޯލްއަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދިއްލޭ ޕޯލްއެކެވެ. ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 އިންސައްތަ ކުޑަ ކުރެވިގެން ދާނެއެވެ. އަދި ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

މީގެތެރޭގައި، ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސަރ އަދި މުހިއްމު އާންމު މައުލޫމާތާއި، ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދެވުމުގެ އިތުރުން ޑިޖިޓަލް އިސްތިހާރުތައް ދެއްކުންވެސް ހިމެނެއެވެ. މީގެއިތުރުން، ކަރަންޓުގެ ހިދުމަތް ކެޑިގެންދާ ވަގުތުގައިވެސް މި ޕޯލްތަކުގައި ހިމެނިފައިވާ ބެޓެރީ ސްޓޯރޭޖްއިން ބޮކި ދިއްލުމާއި ކެމެރާ ފަދަ ޚިދުމަތް ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ސްމާޓް ބެންޗަކީވެސް ސްމާޓް ސިޓީ ތަސައްވަރުގެ ދަށުން ތައާރަފްކުރެވިފައިވާ އޭގެ ޒަރީއާއިން ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ އެއްޗެއްކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މިގޮތުން އާކިޓެކްޗަރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއަރ ފަދަ ތަކެތީގެ ޗާރޖިންގ ސްޓޭޝަންސް މީގެތެރޭގައި ހިމެނެއެވެ.

އޮމްނިލެޑް ސްމާޓް ޕޯލްސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވި، ކަރަންޓު ބޭނުންކުރެވޭ މިންވަރު ފުދޭވަރަކަށް ދައްކުރެވޭކަން ކަށަވަރުކުރެވިފައެވެ.

ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި ސްމާޓް ސިޓީތައް ތަރައްޤީކުރުމުގެ މުހިއްމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެއްގެގޮތުގައި އެޗް.ޑީ.ސީން ދެކެއެވެ. އަދި ތިމާވެށީގެ ރައްކާތެރިކަމަށް ބަލައިގެން ޓެކްނޮލޮޖީގެ ޒަރީއާއިން ގެނެވޭ ސްމާޓް ސިޓީ ސޮލުޝަންތަކަކީ އިޤްތިސާދީ، އިޖުތިމާއީ، ދެމެހެއްޓެނިވި އަދި ކާމިޔާބު ހައްލުތަކަށް ވެގެންދާނެ މުހިއްމު މަސައްކަތެއްކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.