ޚަބަރު

ސަރުކާރުން ނެއްޓެމުން ލައްގަމުން އައި ޕޮލިސް ފްލެޓްތައް މިއަހަރު ނިންމާނަން: ރައީސް


ނުނިމި ދިގުލައިގެން ގޮސް އަށް އަހަރުވެފައިވާ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިއަހަރު ނިންމަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ދެއްވައިފިއެވެ. ރައީސް މިޔަޤީންކަން ދެއްވީ ދިވެހި ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ވަރަށް ކުރިއްސުރެ ސަލާމަތީ ޚިދުމަތްތަކަށް އޮތް ބޯހިޔާވަހިކަމުގެ ދައްޗަކަށް އަދިވެސް ޙައްލެއް ނުލިބޭކަމަށެވެ. އެކި ސަރުކާރުތަކުން ނުކޮށްގެން މިސަރުކާރަށް ވާރުތަކުރި އެ މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާކަމަށާއި، އަމާޒަކީ މިއަހަރު އެ ފްލެޓްތަކުގެ މަސައްކަތް ނިންމެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކި ސަރުކާރުން ނެއްޓެމުން އަނެއް ސަރުކާރަށް ލައްގަމުން އައި މިދެންނެވި ޕްރޮޖެކްޓް މިހާރު އެވަނީ ހިންގަން ފަށާފަ. ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލުކުރެވި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ލަސްވެ އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށްވެސްވަނީ ހުށައަޅާފައެވެ. ފްލެޓްތަކަށް ޑައުން ޕޭމަންޓް ދެއްކުމަށް، ފްލެޓް ލިބުނު މީހުން ބޮޑެތި އަދަދުތަކުން ލޯން ނަގާފައިވުމުގެ ކަންބޮޑުވުންވެސް އެ ފަރާތްތަކުން ފާޅުކޮށްފައިވެއެވެ. އަދި ލޯނުގެ ގްރޭސް ޕީރިއަޑް ހަމަވެ، ލޯނު އަދާކުރަންޖެހުމުން މާލީ ޙާލަތު ދައްވެފައިވާކަމުގެ ޝަކުވާތައްވެސް ހުށައަޅާފައިވެއެވެ. މިކަމާ ގުޅިގެން މިމައްސަލަ ސަރުކާރުން ބަލާ، ފްލެޓްތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވަނީ ވިދާޅުވެފައެވެ.

ފުލުހުންނާއި ސިފައިންނަށް ޚާއްސަކޮށްގެން 691 އެޕަރޓްމަންޓްގެ 3 ޓަވަރު އެޅުމަށް ހަވާލުކުރީ 2013ވަނަ އަހަރުއެވެ. މީގެ ޢަމަލީ މަސައްކަތް އޭގެ އަނެއް އަހަރުވަނީ ފަށާފައެވެ. ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރުއެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓުވެސް އޭރު އޮތީ އާއްމުކޮށްފައެވެ.

އޭގެ ފަހުން ފާއިތުވި 5 އަހަރުވެސް އެ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ދިގު އިންތިޒާރަކަށްފަހު މިހާރު މިވަނީ ފުލުހުންގެ "ޕޮލްކޯ" ފްލެޓްތަކުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތައް 8 މަސްތެރޭގައި ނިންމުމަށް ބަޔަކާ ހަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިންގ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިޔުނިޓްތަކަކީ 1100 އަކަފޫޓުގެ ޔުނިޓްތަކެކެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިމަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 274.5 މިލިއަން ރުފިޔާއަށެވެ.

ހުޅުމާލެ ފޭސް 1ގައި އިމާރާތްކޮށްފައިވާ ތިން ޓަވަރުގައި ހިމެނެނީ 12 ބުރީގެ އިމާރާތަކާއި، 14 ބުރީގެ ދެ އިމާރާތެވެ. 2016ވަނަ އަހަރުގެ އެއްބަސްވުން ބާތިލްކުރިއިރު ތިން ޓަވަރުގެވެސް %50 އަށްވުރެ ގިނަ މަސައްކަތްވަނީ ނިންމާފައެވެ.