ސިއްހަތު

އައިޖީއެމްއެޗުގެ ލޭބަރ ރޫމް މާދަމާ ބަދަލުކުރަނީ




އައިޖީއެމްއެޗްގެ މަރާމާތުގެ
މަސައްކަތްކުރުމަށްޓަކައި އެހޮސްޕިޓަލްގެ ލޭބަރ ރޫމް ބަދަލުކުރުމުގެ މަސައްކަތް
މާދަމާ ފައްޓަވާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.



އައިޖީއެމްއެޗުން ވިދާޅުވީ
މިހާރު ލޭބަރ ރޫމް ހުރިތަން ބަންދުކުރުމަށްފަހު ވިހެއުމާއި ގުޅޭ ސަރޖަރީތައް އައު ޢިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ކުރިއަށްގެންދާނެކަމަށެވެ. އަދި
އެއަށްފަހު ލޭބަރ ރޫމް ހުރިތަނަށް އައިސީޔޫ ބަދަލުކުރުމަށްފަހު އައިސީޔޫ ބޮޑުކުރުމާއި،
މަރާމާތުގެ މަސައްކަތް އާދީއްތަ ދުވަހު ފެށިގެންދާނެކަމަށްވެސް އެފަރާތުން
މައުލޫމަތުދެއްވައެވެ.



މަރާމާތަށް ބަންދުކުރި
ނަމަވެސް އެތަނުން ދެމުންގެންދާ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެ ކަމަށް
އެހޮސްޕިޓަލުން ވިދާޅުވެއެވެ.



އައިޖީއެމް ހޮސްޕިޓަލް ޒަމާނީ
ފެންވަރަށް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، ހޮސްޕިޓަލްގެ
އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތްތައް ކުރުމަށްޓަކާ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ ންދުކުރިނަމަވެސް ކުއްލި ޙާލަތުގައި
ކުރަންޖެހޭ އޮޕަރޭޝަންތައް ކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ
ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އެހެންނަމަވެސް ދުރާލާ ރޭވިގެން ކުރުމަށް
ކަނޑައަޅާފައިވާ އޮޕަރޭޝަންތައް ކޮންމެވެސް ވަރަކަށް މަޑުޖައްސާލާފައިވާކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.

މަރާމާތުކުރުމުގެ މަސައްކަތް
ފަށާތާ ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. މިއީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން
ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.