ޚަބަރު

ހިޔާ ސަރަޙައްދުގައި ރަމަޟާން މަހަށް ވަގުތީ މާރުކޭޓެއް


ހިޔާ ސަރަޙައްދުގައި އަންނަ ރަމަޟާންމަހަށް ވަގުތީ މާރުކޭޓެއްގެ ޚިދުމަތް ފަށާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަޙައްދުގައި ހަދާ ވަގުތީ މާރުކޭޓަކީ، ހިޔާ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް މޭވާ އާއި ތަރުކާރީފަދަ ބާވަތްތައް ރަމަޟާން މަހު ގަނެވޭނެ ގޮތް ފަހިކޮށްދިނުމަށް ހަދާ މާރުކޭޓުތަކެކެވެ.

އެޗްޑީސީން ބުނެފައިވަނީ މާރުކޭޓުގެ ވިޔަފާރި ކުރުމަށް 19 ގޮޅި ދޫކުރާނެކަމަށެވެ. އެ ސަރަޙައްދުގައި ހަދާ މާރުކޭޓުގެ ގޮޅިތައް ދޫކުރަނީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ގޮޅިތައް ލިބޭ މީހުން ކަނޑައަޅަނީ މިކަމަށް އެދި ފޯމު ހުށައަޅާފައިވާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ފުރަތަމަ މާރުކޭޓެވެ. މިއީ ހަމައެކަނި ރަމަޟާން މަހަށް ޚާއްސަކޮށް ދޫކުރާ ގޮޅިތަކަކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސައް އާއިލާތަކުން ބަދަލުވާން ފެށިތާ 6މަހަށްވުރެ ގިނަ ދުވަސްވެފައިވީނަމަވެސް، ހިޔާ ސަރަޙައްދަށް ބޭނުންވާ އާއްމު ޚިދުމަތްތައް އަދިވެސް އެކަށީގެންވާ ގޮތުގައި ފެށިފައެއް ނުވެއެވެ.

މިވަގުތު ހިޔާ ސަރަޙައްދުގައި ވިޔަފާރީގެ ޚިދުމަތް ދެމުން އަންނަނީ 2 ފިހާރައިންނެވެ. ނަމަވެސް ހިޔާގެ އާބާދީ މިހާރުވެސް 10000އާއި ގާތްކުރާނެކަމަށް ބެލެވެއެވެ.

އާބާދީ އިތުރުވުމާއި ފިހާރަތައް މަދުވުމާއި ގުޅިގެން، ތަކެތި ގަންނަން ލިބުން ދަތިވެ ބޭނުންވާ ގިނަވިޔަފާރިތައް ކުރުމަށް އަދިވެސް ހިޔާގެ ރައްޔިތުން ދާންޖެހެނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ނޫނީ މާލެއަށެވެ. މިއީ ތަކުލީފު ބޮޑު ކަމެކެވެ.

ނަމަވެސް އެޗްޑީސީން މިހާރުދަނީ ފްލެޓް ސަރަޙައްދުން އެކި ވިޔަފާރިތަކަށް ސްލޮޓްތައް ދޫކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ފިހާރައާއި ބޭކަރީތަކާއި ކްލިނިކް އަދި ސެލޫންފަދަ ޚިދުމަތްތަކަށް ސްލޮޓްތައްވަނީ ކަނޑައަޅާފައެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފަންގިފިލާތައް ޚާއްސަކުރަނީ މުޅިންވެސް ވިޔަފާރީގެ ބޭނުންތަކަށެވެ. ނަމަވެސް ފުރަތަމަ ހިޔާ ފްލެޓް ފަރުމާކުރީ ތިރީ ފަންގިފިލާތައްވެސް ދިރިއުޅުމަށް ފްލެޓް ދޫކުރުމަށެވެ. މި ސަރުކާރުން މިކަން ބަދަލުކޮށް، ތިރީ ފަންގިފިލާތައް ވިޔަފާރިއަށް ދޫކުރުމަށް ނިންމީ، ހިޔާގެ ރައްޔިތުންނަށް ފަސޭހިން ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.

މި ބަދަލާއެކު ހިޔާ 7000 ހައުސިން ޔުނިޓްގެ އަދަދު 6720އަށް ދަށްކުރިއެވެ.