ޚަބަރު

ފުޅަދޫ ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުން: ބަނދަރުގެ މަސައްކަތް ނިންމާލައިފި


ލަފާ ފުރޭނެ ރައްކާތެރި ފަސޭހަ ގޮތެއްނެތިފައި ތިބި ފުޅަދޫގެ ރައްޔިތުން ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ވެއްޖެ ކަމަށް އެރަށު މީހުން މިހާރު ޤަބޫލު ކުރެއެވެ. ފުޅަދޫ މީހުން ރަށު ބަންދުވެފައި މިވީހާދުވަހެއް ހޭދަކުރަން ޖެހުނު މައިގަނޑު ސަބަބަކީ ފަޅަށް ވަދެ ނުކުމެވޭނެ ފަސޭހަ ގޮތެއް ނެތުމެވެ.

15 މޭލުގެ ބޮޑު ފަޅެއްގައި ގުދުރަތީގޮތުން ހިތްގައިމު ކަމެއް ލިބިފައިވާ ފުޅަދޫ ރައްޔިތުން މީގެކުރިން ދަތުރު ކުރަނީ ފަޅު ތެރެއިން ކުދި އުޅަނދުފަހަރުގައެވެ. އެއީ ފަޅަށް ވަދެ ނުކުމެވޭނެ ފަސޭހަ ގޮތެއް ނެތުމުންނެވެ. ނެރެއް ގޮތުގައި އެމީހުން މީގެ ކުރިން ބޭނުން ކުރީ ގޮއިދޫ ފަޅަށް ވަނުމަށް ހަދާފައި އޮންނަ ނެރެވެ. ކަނޑުން އެރަށަށް ވަންނަންޏާ ދާން ޖެހެނީ އެ ބޮޑު ފަޅުގެ ދެކުނު ފަރާތް ނުވަތަ ދޮރުކަނޑޭ ކިޔާ ސަރަހައްދުގައި އޮންނަ ނެރަކުންނެވެ. އާދައިގެ ދޯންޏެއްގައި ނަމައެއީ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ދަތުރެކެވެ. އެދަތުރު ކުރުމަށްވުރެ އެމީހުންނަށް އެންމެ ފަސޭހަ ގޮތަކީ ކުދި އުޅަނދުފަހަރުގައި ގޮއިދޫ ބަނދަރަށް ދިއުންކަމަށް އެރަށު މީހުންބުނެއެވެ. މުދާ ގެނައުމަށް އެމީހުން ބޭނުން ކުރަނީ ގޮއިދޫ ބަނދަރެވެ.

ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި ފުޅަދޫ އަކީ ފާހަގަކޮށްލެވޭ ރަށެކެވެ. މިހާރުވެސް އެރަށުގައި ގެސްޓްހައުސްތަކެއް އަންނަނީ ހިންގަމުންނެވެ. މިތަންތަން އިމާރާތް ކުރަން މީހުން އުޅުނު ގޮތް ހިތައް ގެންނަވާށެވެ. ބަނދަރެއް ނެތެވެ. ހުރިހާ މުދަލެއް ބާލަނީ އެފަޅު ތެރޭގައި ހަމައެކަނި ބަނދަރެއް އޮންނަ ގޮއިދޫ ބަނދަރަށެވެ. ބޮޑު އުޅަނދަކަށް ފަޅަށް ވަނުމަކީ އެހާ ބޮޑު ހޭދައެއް ހިނގާކަމަށްވުމުން ތަންތަން އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު ގޮއިދޫ ބަނދަރުން ފުޅަދޫއަށް ގެންނަނީ ކުދިކުދި ޑިންގީތަކުގައެވެ. މީ ކިހާބޮޑު ތަކުލީފެއް ހެއްޔެވެ.

މިކަން މިހާރުވަނީ އެމީހުންގެ މާޒީއާ އެކުވެ ގޮސްފައެވެ. ރަށުގައި ޒަމާނީ ބަނދަރެއް ހެދި ލަފާފުރުމަށް އެމީހުން އުފުލި ތަކުލީފް މިވަނީ ނިމިގޮސްފައެވެ. މިއީ ފުޅަދޫ ރައްޔިތުންނަށް ސަރުކާރަކުން ދިން އެންމެ އަގުބޮޑު ހަދިޔާކަމަށް އެމީހުން ގަބޫލްކުރެއެވެ.

ފުޅަދޫގައި ސަރުކާރުން ބަނދަރެއް ތަރައްޤީކުރުމުގެ ވާހަކައަކީ ކޮންމެ އިންތިޚާބަކާ ދިމާކޮށްވެސް ދައްކާ ވާހަކައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ ވައުދުވީ މި ފަސް އަހަރުތެރޭގައި ފުޅަދޫ ރައްޔިތުން ލަފާފުރުމަށް އުފުލަމުން ދިޔަ ތަކުލީފަށް ނިމުންގެނުވާނެކަމަށެވެ. އެއީ އެމީހުންނަށް އައު ވާހަކައަކަށް ނުވިއެވެ. އެ އަޑާއި ކަޑަ ޖެހުމާ ފަޅުކޮނުމަށް ބޭނުން ކުރާ ސާމާނު ރަށަށް އެރުވުމާ ސާވޭ ކުރުން މިއީ އެރަށު މީހުން ގަބޫލުކުރާ ވާހަކަތަކެއް ނޫނެވެ.

ބަނދަރާ ގުޅޭ ވާހަކަ އަހާލުމުން ބައެއް މީހުން ބުނީ "ބަނދަރެއް ނުހަދާ އަދި. ނިމުނީމަ ބުނާނަން އާ ފުޅަދޫގައި ބަނދަރެއް ހަދައިފިޔޭ" މިއީ މީގެކުރިން ސަރުކާރުތަކުން އެރަށު މީހުންނަށް ހުވަފެން ދެއްކުމުގެ ނަތީޖާއެވެ.

ނަމަވެސް އަދުގެ ސަރުކާރުން ދަނީ، މި ސަރުކާރުން ވެފައިވާ ވައުދުތަަކަކީ ހަމައެކަނި ވާހަކަތަކެއްގެ ބަދަލުގައި، އެއީ ކުރެވޭނެ ކަންތައްކަން ސާބިތުކޮށްދެމުންނެވެ.

ހުރިހާ ރަށަކާއި މެދު ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅޭ މި ސަރުކާރުން ފުޅަދޫގައި ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލު ކުރީ 2019 ވަނަ އަހަރުގެތެރޭގައެވެ. ބަނދަރުގެ މަސައްކަތް 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ނިންމުމަށް އެކުންފުންޏާ ހަވާލުކުރި ނަމަވެސް އެކަންނުވީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ. އެހެން ނަމަވެސް ބަނދަރުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދިއުމަކީ އެރަށު ރައްޔިތުން އުފަލާއެކީ ބަލައިގަތްކަމެކެވެ.

ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާއިރު ބަނދަރު ހަދާފައި ވަނީ އެރަށުގެ ރީތި ގޮނޑުދޮށް ނުގެއްލޭނެހެންނެވެ. ބަނދަރަށް އަރާ ފޭބުމަށް ބޭނުން ކުރާނީ ބްރިޖެކެވެ. މިމަޝްރޫއުގެ ދަށުން ބަނދަރު އޮންނަ ސަރަހައްދުގައި ވެލިގަނޑު ހިފެހެއްޓުމަށް ހިލައިން ރިވެޓްމަންޓްޖަހާ، ނެރު ކަނޑާ، ނެރުބައްތި ހަރުކޮށް، ދުވާރު ހަދާ މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އާބާދީގެ ގޮތުން 300 އެއްހާ މީހުން ދިރިއުޅުނަސް އެމީހުންނަށްވެސް ލަފާ ފުރޭނެ ރަނގަޅު ގޮތެއް އޮންނަންވާނެކަމަށް ކޮންމެ މީހަކުވެސް ގަބޫލް ކުރާނެއެވެ. އާބާދީ މަދުވުމުން އެފަދަ ޚިދުމަތްތަކުން މަޙްރޫމްވެ، ރަށު ބަންދުވެފައި ތިބޭކަށް ނުޖެހޭނެކަމަށް އަބަދުވެސް އެރަށު މީހުން އައީ ބުނަމުންނެވެ. އެހެންކަމުން ފުޅަދޫގައި ސަރުކާރުން ތަރައްޤީ ކުރި މި ބަނދަރު މިހާރު އެރަށު ރައްޔިތުން ބޭނުންކުރަނީ ހިތްހަމަ ޖެހި ތިބެއެވެ.

އޭދަފުށީގައި ނުވަތަ މާލޭގައި ކިޔަވަން ހުންނަ ކުއްޖާއަށް ފޮނުވާ ހަދިޔާ ފޮށިގަނޑު އެރުވުމަށް ގޮއިދޫއަށް ދިއުމަށް 400 ރުފިޔާއަށް އެމީހުން މީގެ ކުރިން ކުރި ޚަރަދުވެސް ނިމުނީއެވެ.

ލޯންޗްފަހަރާ މުދާ އުފުލާ ބޯޓުތައް ރަށާއި ކައިރިކުރެވެން ފަށައިފިއެވެ. މިއީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ. މިއީ ސަރުކާރުން އާބާދީ ކުޑަ ބޮޑުމިނެއް ނުބަލާ ގެންނަވާ ތަރައްޤީއެވެ. އެއީ ބަޔަކަށް ބޭނުންވާ އަސާސީ މުހިންމު ޚިދުމަތެކެވެ. މާލެއިން ފޮނުވާ ކިތަންމެ ކުޑަ އެއްޗެއްވިޔަސް ނަގަން ގޮއިދޫއަށް ދަތުރު ކުރިކުރުންވެސް ނިމުނީއެވެ. ދެން ފެންނާނީ ބަނދަރުގެ އުފަލާއެކީ އެރަށުގެ އިޤްތިސާދުވެސް ކުރިއަރައިގެންދާ މަންޒަރެވެ.