ކުޅިވަރު

ބާސާއިން އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކުރަނީ


ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ތަރި ކީލިއަން އެމްބާޕޭ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕީއެސްޖީގެ އެއްބަސްވުމުގައި އެމްބާޕޭ ހުރީ އަންނަ ހޫނު މޫސުމުގެ ނިޔަލަށެވެ. އެހެންކަމުން އެމްބާޕޭއަށް މިހާރު އޭނާ ބޭނުން ކްލަބަކަށް ކުރީބައިގައި ސޮއި ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީއިން އަދިވެސް އަންނަނީ އެމްބާޕޭގެ ކޮންޓްރެކްޓް އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ބާސާއިން އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކުރަން ފަށާފައި މިވަނީ ރެއާލް މެޑްރިޑުންވެސް އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ފަށާފައިވަނިކޮށެވެ. އަދި މީގެކުރިން މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭގެ ސޮއި ހޯދުމާއި ގާތަށް ރެއާލުން ވަނީ ޖެހިލައިފައެވެ. އަދި މި ސީޒަނަށްފަހު އެމްބާޕޭ ވެސް ބޭނުންވަނީ ރެއާލަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު އެމްބާޕޭގެ ސޮއި ހޯދުމުގެ ރޭހުގައި ބާސާއިން ވެސް ބައިވެރިވެފައިވާއިރު، އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެމްބާޕޭގެ ސޮއި ހޯދުން އެއީ ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒްގެ އެންމެ ބޮޑު ޓާގެޓެވެ.

ރެއާލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބް ދޫކޮށްލުމުން ރެއާލުން ވަނީ އެމްބާޕޭ ހޯދުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައެވެ. އެކަމުގެ ހުރަހަކަށްވީ އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައި އޮތް އެއްބަސްވުމެވެ. ރެއާލުން ތިން ފަހަރުގެ މަތިން އެމްބާޕޭ ހޯދުމަށް ބިޑް ކުރުމުންވެސް ޕީއެސްޖީން ވަނީ ރެއާލްގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.