ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފުވައްމުލަކަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ފުވައްމުލަކު އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ފުވައްމުލައް ސިޓީގެ މޭޔަރާއި އެ ސިޓީގެ ބައެއް މަޖިލިސް މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފުވައްމުލަކަށް މިއަދު ވަޑައިގެންފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް މިއަދު މެންދުރުފަހު ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވުމަށް އެ ސިޓީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން އެއަރޕޯޓާއި، ރަށުތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ މާ ހެފުމެއް މިރޭ ފުވައްމުލަކު ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ.

ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ހޮސްޕިޓަލާއި މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާގޮތްވެސް ބައްލަވާލައްވާނެއެވެ.