ޚަބަރު

ތިނަދޫ މައްސަލައިގައި މާލޭގައި ބާއްވާ އަޑުއެހުން ފަސްކޮށްފި


ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއިން މީހުން ބޭލި ހާދިސާގެ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕަބްލިކް ހިއަރިންގ ފަސްކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައި ވަނީ 1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާއާއި ގުޅިގެން މާލޭގައި މިމަހުގެ 27 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ބަޔަކު ނެތުމުންކަމަށެވެ. އަދި މާލޭގައި ބާއްވާ އަޑުއެހުންތައް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާނެ ކުރާނެކަމަށް އެއޮފީހުން ވަނީ ބުނެފައެވެ.

1962 ވަނަ އަހަރު ތިނަދޫއިން މީހުން ބޭލި ހާދިސާގައި 1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގައި އެހާދިސާގައިި އަސަރުކުރި ބައެއް މީހުންގެ ބަޔާން ވަނީ މިމަހުގެ 19 އިން 22 އަށް ތިނަދޫގައި ބެއްވި އަޑުއެހުންތަކުގައި ނަގާފައެވެ.

ޕަބްލިކް ހިއަރިންގތަކަކީ އޯ.ޓީ.ޖޭ އިން ބަލާ މައްސަލަތަކުގައި އިތުރު ފަރުވާއެއް ހޯދައިދިނުމަށް ނުވަތަ އޮފީހުގެ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ނުވަތަ އެ ފަރާތްތަކުގެ ވާހަކަތައް ޢާންމުންނާ ޙިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ޢާންމުންނަށް ހުޅުވާލައިގެން ނުވަތަ ހުޅުވާނުލައި ބާއްވާ އަޑުއެހުންތަކެކެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ.