ޚަބަރު

މިފްކޯއިން އަނެއްކާވެސް ތަފާތު ދެވައްތަރެއްގެ މަސްދަޅު ބާޒާރަށް ނެރެނީ


މިފްކޯއިން ރޯދަމަހަށް ޚާއްސަކޮށްގެން އަންނަ ހޮނިހިރުދުވަހު އައު 2 ވަތްތަރެއްގެ މަސްދަޅު ބާޒާރަށް ނެރުމަށް ނިންމައިފިއެވެ.

މިފްކޯއިން ބާޒާރަށް އަލަށް ނެރުމަށް ހަމަޖެހިފައިވަނީ ބަނޑައިދޫ މަސް ދަޅާއި ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ މަސް ދަޅެވެ.

މިފްކޯއިން ބާޒާރަށް އަލަށް ނެރުމަށް ހަމަޖެހިފައިވާ 2 އުފެއްދުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން، މިފްކޯގެ އެސިސްޓެންޓް މެނޭޖަރ، ސޭލްސް އެންޑް މަރކެޓިންގ އިސްމާއިލް އީނައު ވިދާޅުވީ މި ދެ އުފެއްދުން ބާޒާރަށް ނެރުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް 2ގައި ޚާއްސަ އިވެންޓެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"މަސްވެރިންގެ ދުވަހު ލޯންޗުކުރި 4 ޕްރޮޑަކްޓުގެ ތެރެއިން 2 ޕްރޮޑަކްޓު ބާޒާރަށް މި ނެރެނީ، އާ ވަތްތަރުގެ މަސްދަޅު މި ނެރެނީ، އެތަނުން އެއް ވައްތަރަކީ ޓޫނާ އިން ސްޕައިސީ ލެމަން ވޯޓާ، ކުރީގެ ހޮޓް ޕެކާއި މީގެ ތަފާތަކީ މީތި އިންނާނީ ފެނުގައި ތައްޔާރުކޮށްފައި، އަނެއް ޕްރޮޑަކްޓަކީ ބަނޑައިދޫ މަސްދަޅު،" އީނައު ވިދާޅުވިއެވެ.

ރޯދަމަހަކީ މިފްކޯގެ އުފެއްދުންތަކަށް ޑިމާންޑު ބޮޑުވާ މަހެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ރޯދަމަހަށް ދުރާލައި މިފްކޯއިން ތައްޔާރުވެއެވެ. މިފްކޯގެ އުފެއްދުންތައް ހުސްނުވެ މިއަހަރުގެ ރަމަޟާން މަހު ލިބެން ހުންނާނެ ކަމުގެ ޔަޤީންކަން އެކުންފުނިންވަނީ ދީފައެވެ

މިފްކޯއިން ވަނީ މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މިޕްރޮމޯޝަންގައި 200 ރުފިޔާއިން މަތިން ކުރެވޭ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ. މި ކޫޕަންގައިވާ ކިއުއާރް ކޯޑް ސްކޭން ކުރުމުން ލިބޭ ލިންކުގައި ކޫޕަން ކޯޑް ޖަހާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން 5000 ރުފިޔާގެ ބީއެމް އެލް ގިފްޓް ވައުޗަރ އެއް ލިބެއެވެ. އަދި މި ޕްރޮމޯޝަންގެ ބޮޑު އިނާމެއްގެ ގޮތުން ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.