ޚަބަރު

މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ނާއިބު ރައީސާއި ހިއްސާކުރައްވައިފި


އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ހިއްސާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވަފައެވެ. މިގޮތުން، އެބޭފުޅުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްޗަށެވެ.

މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގެ ނުހެދި ހުރި މަގުތައް ހެދުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނުނު ނަމަވެސް ނުފެށި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމުގެ ދަތިތަކާއި، ރަށުގައި ދަނާލެއް ހުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. އަދި ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާއި ކަމަށްވުމުން ބިން ހިއްކުމަށް ރަށު ރައްޔިތުން އެދޭކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައްކަވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.