ޚަބަރު

ދަރަވަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް މިހަފްތާގައި ފަށަނީ


ބ.ދަރަވަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީ އިން ބުނެފިއެވެ. އެކުންފުނިން ބުނީ މަސައްކަތް ނުފެށި ލަސްތަކެއް ކުރިމަތިވީ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ލިބުނު ދިމާވި ދަތިތަކާހުރެ ކަމަށެވެ.

ދަރަވަންދޫގައި ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށުމަށް ހަދަންޖެހޭ ސާވޭތަކުގެ މަސައްކަތް ނިމުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެދުވަސްވަރު މި މަސައްކަތް ފެށުމަށް ތައްޔާރު ވިނަމަވެސް އެކަން ނުވީ މަސައްކަތައް ބޭނުންވާ ބައެއް ސާމާނު ނުލިބިގެންނެވެ. އެހެން ނަމަވެސް މިހާރު އެތަކެތި ލިބި އެރަށަށް ދެ ޝިޕްމަންޓެއް ފޮނުވާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން ދަރަވަންދޫގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް ގޭބިސީއާއި ސަރުކާރު މުއައްސަސާ ތަކާއި ގެސްޓްހައުސް ހިމެނޭ ގޮތަށް 384 ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަން ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

ދަރަވަންދޫ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ގިނަ ފަހަރެއްގެ މަތިން އެކުންފުނިން ވަނީ އިއުލާންކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ނުފެށި އޮތުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ ޝަމީޙް ވިދާޅުވިއެވެ. އަދި މިކަމަކީ ރަށުގެ އިޤްތިސާދާ ވަރަށް ބޮޑަށް ގުޅި ލާމެފައި އޮތްކަމެއް ކަމަށާ، އެއަރޕޯޓެއް އޮވެ ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވެފައި އޮތް މިރަށުގައި މި ޚިދުމަތް މިއަދާހަމައަށް ޤާއިމްވެފައި ނެތުމަކީ އަންނަ ފަތުރުވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް އަލީ ޝަމީޙް ވިދާޅުވިއެވެ.

" ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރަން އެކަމު ނުފެށި ލަސްވާތީ ވަރަށް ކަންބޮޑުވޭ ރައްޔިތުން އަބަދުހެން އެދި އެދި ތިބި ކަމެއް މީ. އެއީ ވަރަށް ބޮޑަށް އިޤްތިޞާދާ ގުޅިފައި އޮތްކަމަކަށް ވާތީ ފެނުން ނުބައިވަސް ދުވަނީވެސް މި ސަބަބާހުރެކަމަށް ދެކެނީ" ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ޝަމީހް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މިމަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. މި މަސަކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 05 ޑިސެމްބަރ 2022އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާއެވެ.

އެމްޑަބްލިޔުއެސްސީން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރުވެސް 27 ރަށެއްގައި މިމަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ ގާތްގަޑަކަށް 2 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުނިން ބުނީ މިއަހަރު ނިންމުމަށް ކަނޑައަޅާފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތް މުއްދަތަށް ނިންމާލެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

އެމްޑަބްލިޔުއެސްސީން މިދިޔަ އަހަރު ތެރޭގައި ދެރަށެއްގެ މަސައްކަތް ނިންމާފައިވާ އިރު މިއަހަރުގެ މިހާތަނަށް 4 މަޝްރޫއެއް ވަނީ ނިންމާފައެވެ.