ޚަބަރު

ކަނިމީދޫގައި ރިސޯޓު ތަރައްޤީކުރަން ޕްރޮޕޯސަލެއް ނުލިބޭ: މައުސޫމް


ތ.އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫގައި ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި ބީލަމަށް މިހާތަނަށް ޕްރޮޕޯސަލެއް ލިބިފައިވާނުވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިހެން ވިދާޅުވީ ކަނިމީދޫ ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް އޮތް ހިސާބާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.

ރިސޯޓެއް ތަރައްގީކުރުމަށް ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ ބީލަމަށް ލާން ޓޫރިޒަމް މިނިސްޓްރީން ނިންމައި، އެކަން އިއުލާންކުރީ 2019 ވަނަ އަހަރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނިމީދޫ ނިސްބަތްވާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ކަނިމީދޫގައި ރިސޯޓް ތަރައްޤީ ކުރުމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައިވޭތޯ ސާފު ކުރައްވާފައެވެ.

މި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ތ.ކަނިމީދޫ ތަރައްޤީ ކުރުމަށް ބީލަމުގެ އުސޫލުން 8 އޭޕްރީލް 2021 ގައި ހުޅުވާލެވުނު ކަމަށެވެ. ނަމަވެސް 24 ޖޫން 2021 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ކަނިމީދޫގެ 10 ހެކްޓަރުގެ ބިމަށް އެއްވެސް ފަރާތަކުން ބިޑް ޕްރޮޕޯސަލްއެއް ހުށަހަޅާފައިނުވާކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މިމަސައްކަތް ކުރިއަށްދާނެ ގޮތުގެ ތަފްސީލެއް ނުދެއްވައެވެ.

ކަނިމީދޫއަކީ މީގެކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްތަކަށް އަމިއްލަ ފަރާތަކަށް ދޫކުރި ރަށެކެވެ. ނަމަވެސް އެގްރިކަލްޗަރ މިނިސްޓްރީގެ ދަށުގައި އޮތް ރަށް ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއާ ވަގުތީ ގޮތުން ބެލެހެއްޓުމަށް ހަވާލުކުރައްވާފައެވެ.

ތ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫ 68 ހެކްޓަރުގެ ރަށެކެވެ.