ޚަބަރު

އެމްއައިބީގައި ހުރި ބޭނުންނުކުރާ ގިނަ ދުވަސްވީ އެކައުންޓުތައް އުވާލަނީ


މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން ބޭނުންނުކުރާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ 2918 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފިއެވެ.

އެމްއައިބީން ބުނީ ޑޯމަންޑް އެކައުންޓްތައް ނުވަތަ މުޢާމަލާތް ނުކުރާ އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އެކައުންޓުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގާފައިވާނެކަމަށާއި އެ އެކައުންޓްތައް އުވާލުމުގެ ކުރިން އެކްޓިވޭޓްކުރަން ބޭނުންނަމަ ވީ އެންމެ އަވަހަށް އެބޭންކަށް ހުށައެޅަން ވާނެ ކަމަށެވެ. އަދި އެކައުންޓްތައް ޑޯމަންޓް ކުރާކަން ވެރިފަރާތްތަކަށް އެންގުމަށްފަހު 60 ދުވަސް ހަމަވުމުން އެ އެކައުންޓްތަކުގައި ހުންނަ ފައިސާ އެމްއެމްއޭއާ ހަވާލުކުރުމަށްފަހު އެކައުންޓް ބަންދުކުރާނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން ބޭންކުގެ "ކަސްޓަރމަރ ފޯމް" ފުރުމަށްފަހު ހުށެހެޅުމުން އެކްޓިވޭޓް ކުރެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ.

ރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބުނަނީ ވިދި ވިދިގެން 5 އަހަރުދުވަސް ވަންދެން އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓުން އެއްވެސް މުޢާމާލާތެއް ކޮށްފައިނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައިނުވާނަމަ، ޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާޢަތުތައް ފުރިހަމަކުރުމަށްފަހު އެ އެކައުންޓް އުވާލެވިދާނެކަމަށެވެ. އަދި މިޙާލަތުގައި އެފަދަ އެކައުންޓެއްގައިވާ ޑިޕޮސިޓް ފައިސާ އެމް.އެމް.އޭގައި އޮންނަ ޚާއްޞަ އެކައުންޓެއްގައި ބެހެއްޓުމަށްޓަކައި އެމް.އެމް.އޭއާ ހަވާލުކުރަންޖެހޭނެ ކަމަށްވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.