ޚަބަރު

ތ ގުރައިދޫ އާއި ރ.އަނގޮޅިތީމުގެ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށް


ތ.ގުރައިދޫ އާއި ރ.އަނގޮޅިތީމްގައި ތަރއްޤީކުރާ ބަނދަރުގެ މަސައްކަތް ނިމުމަކާ ގާތަށްގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނިން ބުނީ މިދެ ބަނދަރުގެ ހެދުމުގެ ބޮޑެތި ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށެވެ.

މީގެ 24 ވަރަކަށް އަހަރު ކުރިން ގުރައިދޫގައި ބަނދަރެއް ތަރައްޤީ ކުރީ އެރަށު ރައްޔިތުންނާ ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ސަރުކާރާ ގުޅިގެންނެވެ. އެ ބަނދަރު ސުނާމީ ކާރިސާގައި ހަލާކުވި ގޮތަށް ގޮސް ބޭނުން ނުކުރެވޭ ހާލަތައް ދިޔައެވެ. ބަނދަރު ހަލާކުވުމުން ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިވިއެވެ.

ބަނދަރު ހަލާކުވެ ލަފާ ފުރުމުގައި ދަތި އުނދަގޫ ދުވަސްތަކެއް ތަހައްމަލް ކުރަމުންދިޔަ ތ.ގުރައިދޫގައި ކުރިން އޮތް ބަނދަރު މަރާމާތުކޮށް އިތުރު 100 ފޫޓް ބަނދަރަށް ގުޅާލުމުގެ މަސައްކަތް މިސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ.

ބަނދަރު ފުން ކުރުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފެށިނަމަވެސް މިހާރު އެމަސައްކަތް އޮތީ މެދުކެނޑިފައި ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެއީ މަސައްކަތް ކުރަން ގެންގުޅުނު ބާޖް އެހެން ބޭނުމަކަށް އެރަށުން ގެންދިއުމާ ގުޅިގެން ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ގުރައިދޫގެ ބަނދަރުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ ބަނދަރުގެ ބޭރުތޮށީގައި ހިލަޖެހުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އެ މަސައްކަތުގެ 88 އިންސައްތަ މިހާރު ނިމިފައިވާއިރު، ބަނދަރަށް އަރާފޭބުމަށް ހަދާ ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ބޭރު ތޮށީގެ މަސައްކަތުގައި ނުނިމިހުރީ ނެރުފައިކަށި ޖެހުމުގެ މަސައްކަތާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން ބަނދަރު ހެދުމުގެ މި މަޝްރޫއުގައި ހިމެނޭ 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި ދުވާރުހަދާ މަގުބައްތި ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތަށް 57 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ

ގުރައިދޫއެކޭ އެއްގޮތައް އަނގޮޅިތީމް ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށިލާ ދުވާރުހަދާ ބޭރު ތޮށީގެ މަސައްކަތާ ފަޅު ފުންކޮށް ވަނީ ނިމިފައެވެ. މިހާރު ކުރަމުންދަނީ ބަނދަރާ ގުޅިގެން އޮންނަ ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލްގެ ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
170 މީޓަރަށް ޖަހާ މިރިވެޓްމަންޓްގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ދެން ކުރިއަށް ދާނީ ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކަމަށް ފައިސަލް ވިދާޅުވިއެވެ.

އަނގޮޅިތީމްގައި ބަނދަރެއް ތަރައްޤީކުރީ 2012 ވަނަ އަހަރުއެވެ. އެއީ 300 ފޫޓްގެ ބަނދަރެކެވެ. އެ ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން އިތުރުވެ ރައްޔިތުންގެ އެދުމަށް އިތުރު 300 ފޫޓް ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނައަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މިއަދާހަމައަށް އައިރު ބަނދަރު މަރާމާތު ކުރުމުގެ 92 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މަސައްކަތުގެ ކޮންޓެކްޓަ އެމްޓީސީސީއިން ވިދާޅުވެއެވެ.