ދުނިޔެ

އިންޑޮނޭޝިޔާގެ ޖަކާޓާގައި ވަރުގަދަ ހަމަލާތަކެއް!


އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޮމާ ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ޖަކާޓާގައި މިއަދު ދިން ބޮމުގެ ހަމަލާތަކުގައި 12 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.މި ހަމަލާތައް ދިންކަމަށް ބެލެވޭ 4 ހަނގުރާމަވެރިއަކު މަރާލާފައިވާކަމަށް އިންޑޮނޭޝިއާގެ ފުލުހުން މަޢުލޫމާތުދެއެވެ. މިހަމަލާގެ ފަހަތުގައި ވަނީ ކޮން ފަރާތެއް ކަމެއް އަދި ސާފެއް ނުވެއެެވެ. މިއަދުގެ ހަމަލާ އަމާޒުވެފައިވަނީ ޖަކާޓާގައި ހުންނަ އދ. ގެ މަރުކަޒާއި ބޭރު ޤައުމުތަކުގެ އެމްބަސީތައް ހުންނަ ސަރަހައްދުތަކަށް ކަމަށް ޚަބަރު ލިބެއެވެ. ޖަކާޓާގައި ހަމަލާތައް ދިން ފަރާތްތައް ހޯދުމަށް އަދިވެސް އެރަށުގައި އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް އިންޑޮނޭޝިއާ ފުލުހުން މަޢުލޫމާތުދެއެވެ.މި ހަމަލާތަކަށް ފަހު އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ މިކަން ކުށްވެރި ކުރައްވާފައިވެއެވެ. އަދި މިދަނޑިވަޅުގައި ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް އިންޑޮނޭޝިއާގެ ރައީސް ގޮވާލެއްވިއެވެ. ޖަކާޓާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ.އަދި އިންޑޮނީޝިއާގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ރާއްޖޭގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި އިންޑޮނީޝިއާ ސަރުކާރާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.