ޚަބަރު

ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް ހިންގި ވަރކްޝޮޕް ނިންމާލައިފި


ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، އިމާމުމުންނަށް އަމާޒުކުރައްވައިގެން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ވަރކްޝޮޕަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް އިސްލާމިކް މިނިސްޓަރުގެ ނާއިބު އިބްރާހީމް އަޙުމަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރުގެ ނާއިބް މިހެން ވިދާޅުވީ، ދީނީ އިލްމުވެރިންނާއި، އިމާމުމުންނަށް އަމާޒުކުރައްވައިގެން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ވަރކްޝޮޕް ނިންމުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.ދީނީ ޚިލާފުތަކާއި ގުޅޭ މަޢުލޫމާތު ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނަށް ދިނުމަށް ފެށި ވަރކްޝޮޕާއި ގުޅޭގޮތުން ޕީއެސްއެމަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު އައްޝައިޚް އިބްރާހިމް އަހުމަދު ވިދާޅުވީ، ދީން ފެތުރެއްވުމާއި، މިސްކިތްތަކުގައި ދީނީ ނަސަތޭޙަތްދިނުމުގައި އަމަލުކުރާނެ ގޮތުގެ އިތުރު މައުލޫމާތު ބައިވެރިންނަށް، މިބައްދަލުވުމުގެ ތެރެއިން ދަސްކޮށްދެވިފައިވާ ކަމަށެވެ.މި ވަރކްޝޮޕްގެ މަޤްޞަދަކީ ޒަމާނީ މައްސަލަތަކާއި، އަދި މުސްލިމުންގެ ތެރޭގައި ހުރި އިޚްތިލާފީ މައްސަލަތަކާއި ގުޅޭގޮތުން ޢިލްމުވެރިން ދެނެގަންނަށްޖެހޭ ބައެއް ކަންކަން އޮޅުންފިލުވައިދިނުމާއިއެކު ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ޢިލްމީ ބައެއް ހަޤީގަތްތަކުގެ މައްޗަށް ޢިލްމުވެރިންނާއި އިމާމުން ހެލުންތެރި ކުރުވުމާއި، އިސްލާމީ ހަޟާރަތާއި ސަޤާފަތުގައި ހިމެނޭ ރިވެތި އާދަކާދަތައް އޮޅުންފިލުވައިދީ އެކަންކަން ދިވެހި މުޖުތަމަޢަށް ފޯރުކޮށްދޭނެ ހެޔޮގޮތްތައް ބުނެދިނުމެވެ. މިވަރކްޝޮޕްގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ބައެއް އިލްމުވެރިން ވިދާޅުވީ މިފަދަ ބައްދަލުވުންތަކުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފަސޭހަތަކެއް ލިބޭނެކަމަށެވެ. މި ވަރކްޝޮޕް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކަށް ލަފާދެއްވާ މުޝީރެއް ކަމަށްވާ ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ މިބައްދަލުވުންތަކުން ލިބުނު މަޢުލޫމާތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފެމަށް ގޮވާލައްވާފައެވެ.އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ ޢަރަބިއްޔާގެ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ރާބިޠަތުލް އާލަމުލް އިސްލާމީ އާއި ގުޅިގެން 6 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި 62 ބައިވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.