ޚަބަރު

ފަތުރުވެރިން ގެނެވޭނެ ޚާއްސަ އެތައް ކަމެއް ރަށްރަށުގައި އެބަހުރި: ޑރ.މައުސޫމް


އެ ރަށަކަށް ޚާއްސަ ސިފަތަކާއެކު، ރާއްޖޭގެ ކޮންމެ ރަށަކީވެސް ފަތުރުވެރިކަމުގެ ނަފާ ހޯދޭނެ ރަށްތައްކަމުގައި ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އއ.ތޮއްޑޫގެ 50ވަނަ ގެސްޓްހައުސްގެ ޚިދުމަތް ނެރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައެވެ.

ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ސިނާއަތުގެ %22އަކީ، ރިސޯޓްތައް ފިޔަވައި އެހެނިހެން ގޮތްގޮތުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 92 ރަށުގައި ލޯކަލް ޓުއަރިޒަމްގެ ޚިދުމަތް ދެމުން އަންކަމަށެވެ.

ރަށްރަށުގެ ގުދުރަތީ ވަސީލަތްތަކުގެ އިތުރަށް، ރަށްރަށުގެ ސަޤާފަތާއި އާދަކާދައާއި، އާސާރީ ބިނާތަކާއި އަދި ދިވެހިން ކުޅެމުން އައި އެކިކަހަލަ ސަޤާފީ ކުޅިވަރުތަކަކީވެސް ފަތުރުވެރިންނަށް ވިއްކޭނެ އަގުބޮޑު ވަސީލަތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަގުން ސަރުކާރުންވެސް މިސްރާބު ޖަހާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ލޯކަލް ޓުއަރިޒަމާއެކު އަންނަމުންދާ ކުރިއެރުން ފާހަގަކޮށް މިނިސްޓަރވަނީ މި ދާއިރާގައި އަދިވެސް އަންހެނުންގެ ބައިވެރިވުން އިތުރަންޖެހޭކަމަށް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަކީ ހަމައެކަނި ރަށުގައި ގެސްޓް ހައުސް ހިންގާ އޯނަރަށް ލިބޭ ފުރުޞަތެއް ނޫންކަމަށާއި، މީގެ ސަބަބުން ރަށްރަށުގެ ހުރިހާ ސިނާޢަތްތަކަށްވެސް އޭގެ އެދެވޭ އަސަރު ކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ގެސްޓްހައުސް އެއް ރަށުގައި ހިންގަން ފެށުމުން ދާއިރާތަކުގެ ޑިމާންޑް ބޮޑުވޭ. އިތުރު ވިޔަފާރިއަށް ފުރުޞަތު ހުޅުވޭ. މަސްވެރިކަން ކުރާ މީހާ، އަތްތެރި މަސައްކަތް ކުރާ މިހާއަށް އޭގެ ނަފާ ލިބޭ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ދުނިޔޭގެ ޤައުމުތަކަށް އަންނަ ލޮޅުން ރާއްޖޭގެ ފަތުރުވެރިކަމަށް އަރާކަމަށެވެ. ނަމަވެސް މުޅި ސިނާއަށް އެކުގައި މަސައްކަތް ކޮށްފިނަމަ، މިއިން ކޮންމެ ގޮންޖެހުމަކުން އަރައިގަނެވޭކަން ރާއްޖެއިން ހާމަކޮށްދީފިކަމަށެވެ. މިކަންކަމުން އަރައިގަތުމަށް އިތުރަށް މަސައްކަތް ކުރުމުގައި ވިޔަފާރީގެ ގޮތުން ބިނާކުރަނިވި ވާދަވެރިކަން ޤާއިމުކޮށް، ޖަމިއްޔާ ޖަމާތްތައްވެސް ގުޅިގެން މަސައްކަތް ކުރުމަށް ޓޫރިޒަމް މިނިސްޓަރ މައުސޫމް ގޮވާލެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި، ރާއްޖެ ހޯދަމުން އަންނަ ރީތި ނަން ދެމެހެއްޓުމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.