ޚަބަރު

ކުޅުދުއްފުށީގައި ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް ފަށައިފި


ކުޅުދުއްފުށީ ސިޓީގައި ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް ފަށައިފިއެވެ.

މިކޭމްޕަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކެންސަރ ސޮސައިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

މިއަދު ފެށި މި ކޭމްޕުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ދާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މި ކޭމްޕް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ސިޓީގެ އުފަންހިޔާގައެވެ. ކޭމްޕް ކުރިއަށްގެންދާ ވަގުތު އެތަނަށް ދިޔުމުން ސްކްރީނިންގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 18 އަހަރުންމަތީގެ އަންހެނުންނަށެވެ.

މި ކޭމްޕުގައި އަނގައިގެ ކެންސަރަށް ސްކްރީން ކުރުމުގެ ފުރުސަތު ހުރިހާ އުމުރުފުރައަކަށް ހުޅުވާލަފައިވާ އިރު ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 20 އަހަރުން މަތީގެ އަންހެނުންނަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކެންސަރ ސޮސައިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕު ކުޅުދުއްފުށީ ސިޓީގެ އިތުރުން އިއްޔެ ވަނީ ނޮޅިވަރަންފަރުގައިިވެސް މި ކޭމްޕް ކުރިޔަށް ގެންގޮސްފައެވެ. ނޮޅިވަރަންފަރުން މި ކޭންޕަށް ބޮޑުތަރުހީބެއް ލިބިފައިވާއިރު އެރަށުން މި ބައްޔަށް 242 ފަރާތެއް ސްކްރީން ކުރެވިފައިވާ ކަމަށް ކެންސަރ ސޮސައިޓީން ވަނީ ޕީއެސްއެމް އަށް މައުލޫމާތު ދެއްވާފައެވެ. އަދި މިއީ މިއަހަރުގެ ފުރަތަމަ ކޭމްޕް ކަމަށް އެ ސޮސައިޓީން ވަނީ ވިދާޅުވެފައެވެ.