ޚަބަރު

ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ޗައިނާ އަށް ފުރާވަޑައިގެންފި


ޗައިނާގެ ވެރިރަށް ބެއިޖިންގ ގައި މިމަހުގެ 15 އިން 19 އަށް
ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން އިންފްރާސްޓްރަކްޓަރ އިންވެސްޓްމަންޓް ބޭންކް،
އޭ.އައި.އައި.ބީގެ ބައްދަލްވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ
އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ރޭ ޗައިނާ އަށް
ފުރާވަޑައިގެންފިއެވެ.





އެ ބައްދަލްވުންތަކަކީ 'އިނައުގްރަލް ބޯޑް އޮފް ގަވަރނަރސް
މީޓިން' އަދި އިނައުގްރަލް ބޯޑް އޮފް ޑިރެކްޓަރސް މީޓިން' ގެވެ. މިިނިސްޓަރ ޑރ.މުޢިއްޒު މި ބައްދަލްވުންތަކުގައި
ބައިވެރިވެ ވަޑައިގަންނަވާނީ ދިވެހި ސަރުކާރުުން އޭ.އައި.އައި.ބީ އަށް ކަނޑައަޅުއްވާފައިވާ
ގަވަރނަރގެ ހައިސިއްޔަތުންނެވެ. މި ދަތުރުފުޅުގައި މިނިސްޓަރގެ އިތުރުން މިނިސްޓަރ އޮފް
ސްޓޭޓް ފޮރ ފައިނޭންސް އެންޑް ޓެރެޜަރީ މުޙައްމަދު މުނައްވަރު އަދި ފިނޭންސް
މިނިސްޓްރީގެ ސީނިއަރ ފައިނޭންސް އެނަލިސްޓް މުޙައްމަދު ހައިޝަމްވެސް
ބައިވެރިވެވަޑައިގަންނަވާނެއެވެ.





އޭ.އައި.އައި.ބީ އަކީ 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހު،
ޤައުމުތަކުގެ މެދުގައި އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމާއި އަދި އެއް ޤައުމު
އަނެއް ޤައުމާއި ގުޅުވައި ދިނުމަށް މަސައްކަތް ކުރުމަށް މިހާރު އުފެދިފައިވާ
މަލްޓިިލެޓަރަލް ޑިވެލޮޕްމަންޓް ބެންކުތަކަށް އެހީތެރިވުމަށް ކަނޑައަޅައި ސޮއިކުރުވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގެ ދަށުން އުފައްދާފައިވާ
ފައިނޭންސިންގ ބެންކެކެވެ. ދިވެހި ރާއްޖެއަކީ މި ބޭންކްގެ ފައުންޑަރ މެންބަރެކެވެ.





މިނިސްޓަރ މުޢިއްޒުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ
ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކަމާއިބެހޭ ދާއިރާތަކުގެ އިސްބޭފުޅުން އަދި
ޗައިނާ-މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށް ޗައިނާ
ކޮމިޔުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއި ސީ.ސީ.ސީ.ސީ ސެކަންޑް
ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޑެޓާއި، ސީ.ސީ.ސީ.ސީ ހައިވޭ ކޮންސަލްޓަންޓްސް
ކޮމްޕެނީ ލިމިޓެޑްގެ ރައީސުންނާއި ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.