ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ އެރައިސް މަޝްރޫޢުގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު 15 ރަށެއްގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފެށުމައް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގައި ހިމެނޭ 15 ރަށުގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ބަދަލުކޮށްދޭނެ ބަޔަކު ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ އިޢުލާންކޮށްފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީގެ ފަށާފައިވާ އެރައިސް މަޝްރޫޢުއަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމު، އަވިން ހަކަތަ އުފައްދާ ނިޒާމަށް ބަދަލުކުރުމަށް ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ.
އެރައިސްގެ މިބައިގައި ހިމަނާފައިވަނީ ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ 15 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތެވެ. މިނިސްޓްރީއިން ވިދާޅުވި މި މަސައްކަތަކީ، އަވިން ހަކަތަ އުފައްދާ ނިޒާމަށް ބޭނުންވާ ފެންވަރަށް އިންޖީނުގެތައް ގެނައުމަށް ފެށި މަސައްކަތެއްކަމަށެވެ.
މި މަސައްކަތަށް 30 މިލިއަން ރުފިޔާ ހޭދަވެއެވެ.
ވޯލްޑް ބޭންކުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުގެ އެހީގައި ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މިނިސްޓްރީން އިޢުލާންކޮށްފައި ވަނީ މި 15 ރަށުގައި މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުގައި ހިއްކި ސަރަޙައްދާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި، ޓްރާންސްފޯމަރުތައް ބަދަލުކުރުމާއި ސަބް ސްޓޭޝަންތައް ޤާއިމުކުރުމާއި، ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުންފަދަ މަސައްކަތްތަކެވެ. މި ބަދަލާއެކު އިންޖީނުގޭގެ އޮޕަރޭޝަން ސްޓޭޓަސް ވަގުތުން ބަލާލެވުމާއި، ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ފަސޭހައިން ދެނެގަނެ ޙައްލުކުރުމަށް އެހީއަކަށްވެއެވެ.
އެރައިސް މަޝްރޫއިން ދަނީ ރާއްޖޭގެ އެކިރަށްތަކުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް މަސައްކަތްކުރަމުންނެވެ.
ކޮންމެ ރަށެއްގެ ކަރަންޓު ވިއުގަ ޑިޒައިން ކުރުމުގައި އެރަށެއްގައި ގާއިމުކުރުމަށް ރާވާފައިވާ ސޯލާ ހަކަތައިގެ ކެޕޭސިޓީ އަދި ކުރިއަށް އޮތް 10-15 އަހަރުގެ ކަރަންޓުގެ ޑިމާންޑް ޕްރޮޖެކްޝަންސްތަކަށް ބަލައި ތަފްސީލީ ދިރާސާތަކެއްވެސް މިނިސްޓްރީއިންދަނީ ކުރަމުންނެވެ. މިމަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ގާއިމުކޮށް ގިނަ ރަށްތަކުގައި ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ޙައްލު ލިބޭނެއެވެ.