ކުޅިވަރު

ހިތުގެ މައްސަލައަށްފަހު އެރިކްސަން ޑެންމާކުގެ ގައުމީ ޓީމަށް


ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ހާޓް އެޓޭކެއް ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި، އަދި މިހާރު އިގެރޭސިވިލާތުގެ ބްރެންޓްފޯޑަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސަން ޑެންމާކުގެ ގައުމީ ޓީމަށް ނަގައިފިއެވެ. ޑެންމާކު ގައުމީ ޓީމަށް އެރިކްސަން ނަގާފައިވަނީ ކުރިއަށްއޮތް އިންޓަނޭޝަނަލް ބްރޭކްގައި ޑެންމާކުން ކުޅޭ އެކުވެރިކަމުގެ ދެ މެޗަށެވެ. އެއީ ނެދަލެންޑްސް އާއި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ޑެންމާކްގެ މިޑްފީޑަރަށް ހާޓް އެޓޭކެއް ޖެހިފައިވަނީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗްގައެވެ. އެމެޗްގެ 41ވަނަ މިނެޓްގައި އެރިންސަންއަށް ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުނުއިރު، އޭނާއަށްވަނީ ދަނޑު މަތީގައިވެސް ގިނަ އިރުތަކެއް ވަންދެން ފަރުވާދީފައެވެ. އަދި ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު، ހޮސްޕިޓަލްގައި ވެސް އެރިކްސަން ގިނަ ދުވަސްތަކެއް ހޭދަކުރިއެވެ. މިހާރު އެރިކްސަން ކުޅެމުންދަނީ ހިތަށް ޕޭސް މޭކާރއެއް ލައްވައިގެންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި އެރިކްސަން އޭނާ އޭރުގައި ކުޅެމުންދިޔަ އިންޓަލީގެ އިންޓަރ މިލާނަށް ކުޅޭވޭ ތޯ މަަސައްކަތް ކުރިއެވެ. ނަމަވެސް އިޓަލީ ލީގުގެ ސިއްހީ ގައިޑްލައިންގެ ދަށުން ޕޭސް މޭކަރ ލައްވައިގެން އޭނާއަށް އިޓަލިއަން ލީގްގައި ކުޅެވޭ ގޮތެއް ނުވިއެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ އުއްމީދުގައި ހުރި އެރިކްޝަން އިންޓަރ މިލާންއާއިއެކު ހަދާފައިވާ އެއްބަސްވުން، ދެ ފަރާތް ގުޅިގެން އުވާލުމަށްފަހު، އެރިކްޝަން ބަދަލްވީ އިންގްލެންޑްގެ ބްރެންޓްފޯޑަށެވެ. އެޓީމާއެކު އެރިކްސަން މިހާތަނަށް ވަނީ 3 މެޗް ކުޅެފައެވެ.