ވިޔަފާރި

ވޭތުވެދިޔަ އަހަރު 1596 ފިހާރައެއް ބަލައި ފާސް ކުރެވުނު


ވޭތުވެދިޔަ އަހަރު 1596 ފިހާރައެއް ބަލާ ފާސް ކުރައްވާފައިވާކަމަށް އިކޮނިމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެ މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރު، ފިހާރަަތަކާއި އެހެނިހެން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން، މުއްދަތު ހަމަވެފައި ހުންނަ މުދާ ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުރި މައްސަލަ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިފައިވާކަމަށެވެ. އަދި މުދަލުގައި އަގު ނުޖަހާ ހުންނަ މައްސަލައާއި، ކައްޓާގައި ސީލް ނުޖަހާ މައްސަލަވެސް ފާހަގަކުރެވިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.މިފަދަ މައްސަލަތައް ރަނގަޅު ކުރުމަށް ވިޔަފާރިތަކަށް އެންގެވުމުން، ގިނަ ވިޔަފާރިތަކުން އެ ކަންތައްތައް ރަނގަޅުކޮށްފައިވާކަން އިކޮނޮމިކް މިނިސްޓްރީގެ ފެއަރ ޓްރޭޑް ސެކްޝަންގެ ޑިރެކްޓަރ އަޙްމަދު މިޤްދާދް ފާހަގަ ކުރެއްވިއެވެ. އަދި، މުދާ ވިއްކާ ފަރާތްތަކާއި، މުދާ ގަންނަ ފަރާތްތަކުން، މުއްދަތު ހަމަވާ ތާރީޚަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މިޤްދާދް އިލްތިމާސްކުރެއްވިއެވެ.ކޮންސިއުމަރ ޤާނޫނުގެ ދަށުން މިފަދަ މައްސަލަތައް ފާހަގަ ކުރެވޭ ވިޔަފާރިތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ދެވަނަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު ތިންވަނަ ފަހަރު އެ ވިޔަފާރިއެއް އުވާލުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ.