ސިއްހަތު

އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ އަޕްގްރޭޑް ކުރަނީ


އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ މަރާމާތު ކުރުމަށް މިމަހުގެ ފަނަރައިން ފެށިގެން އެތަން ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.އޮޕަރޭޝަން ތިއޭޓަރާ އައިސީޔޫ މަރާމާތަށް ބަންދުކުރި ނަމަވެސް އެތަނުން ދެމުންގެންދާ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.އައިޖީއެމް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާއިރު، އަންނަ މަހު އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވީ، މަރާމަތަށް އެތަން ތަން ބަންދުކުރިނަމަވެސް ކުއްލި ޙާލަތުގައި ކުރަންޖެހޭ އޮޕަރޭޝަންތައް ކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ދުރާލާ ރޭވިގެން ކުރުމަށް ކަނޑައަޅާފައިވާ އޮޕަރޭޝަންތައް ކޮންމެވެސް ވަރަކަށް މަޑުޖައްސަލާފައިވާ ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، އައިޖީއެމްއެޗްގައި ބޭނުންކުރަމުންދާ އޮޕަރޭޝަން ތިއޭޓަރުގެ ތެރޭގައި 4 ތިއޭޓަރު  މިހާރު ހުރިނަމަވެސް މަރާމާތައް ފަހު ހުޅުވިގެންދާއިރު 2 ތިއޭޓަރު އިތުރުވެގެންދާނެ ކަމަށެވެ.މަރާމާތައް އޮޕަރޭޝަން ތިއޭޓަރު ބަންދުކުރުމާއި ގުޅިގެން ވިހެއުމާއި ގުޅޭ ހުރިހާ ސާރޖަރީތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ އައު އިމާރާތުގައި ކަމަށާއި، އެހެނިހެން ސާރޖަރީތައް ކުރުމަށް ހޮސްޕިޓްލްގެ އެހެން ސަރަޙައްދުތައް އިންތިޒާމުކުރައްވާފައިވާ ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.މީގެ އިތުރުން މި ދުވަސްތަކުގައި ބައެއް އޮޕަރޭޝަންތައް ހުޅުމާލޭ ހޮސްޕިޓަލްގައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ މަސައްކަތްކުރަމުންދާކަމަށްވެސް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ. އަދި މަރާމާތައް ފަހު އަލުން ހުޅުވޭ އިރު، ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ހުރި އަށް އެނދުގެ އިތުރަށް 6 އެނދު އިތުރުވެ ޖުމްލަ 14 އެނދު ހުންނާނެ ކަމަށްވެސް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.އައިޖީއެމްއެޗް އިން ވިދާޅުވީ، އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ މަރާމާތުކުރުމުގެ މަސައްކަތް، ފަށާތާ ގިންވެގެން 3 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މިއީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެއް ކަމަށްވެސް އައިޖީއެމްއެޗުން މަޢުލޫމާތުދެއްވައެވެ.