ޚަބަރު

އެންމެ ބޮޑު އެމަރޖެންސީ އެކްސަސައިޒް މިއަދު ހަވީރު އެއަރޕޯޓުގައި


އަރޕޯޓްގައި ހިނގާފާނެ ކުއްލި ޙާލަތަކަށް ތައްޔާރުވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، ޤަވާއިދުން ބާއްވާ ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒް، މިއަދު ހަވީރު ކުރިއަށްދާނެއެވެ.

މިއަދު ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ޙަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެއެއެވެ. ނަމަވެސް ބައިނަލް އަޤްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި ގުޅިގެން ކުރިއަށްގެންދާ ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު މި ޙަރަކާތުގައި އެކިދާއިރާތަކުން 400އަށް ވުރެގިނަ ފަރާތުން ބައިވެރިވާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުރިއަށް ގެންދާ މިޙަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމް.ސީ.އޭ.އޭ) އާއިއިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)އިން ލާޒިމު ކުރާ ޙަރަކާތެކެވެ. އެގޮތުން ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޓަރގެ ހައިސިއްޔަތުން އެމް.އޭ.ސީ.އެލްއިން އޭރޮޑްރޯމްގައި އެއަރކްރާފްޓް އޮޕަރޭޓް ކުރުމުގައި އެމް.ސީ.އޭ.އޭ އަދި އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިކަން
ކަށަވަރުކޮށް ދެނެގަތުން ލާޒިމުކުރެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ އެއަރޕޯޓް ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ޚާލަތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެމަރޖެންސީ ޕްލޭން އަދި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްކާއި، މިޙަރަކާތުގައި ބައިވެރިވާ އެއަރލައިންގެ ކުއްލި ޚާލަތުގެ ޕްލޭން ޓެސްޓްކުރުންކަމަށެވެ. އަދި އެމް.އޭ.ސީ.އެލްގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެކިއިދާރާތަކާއި، ކަމާއިގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން އޮންނަ މިންވަރުވެސް ވަޒަން ކުރެވޭނެއެވެ. މީގެ އިތުރުން ކުއްލި ނުރައްކަލުގެ ޚާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ޞިއްހީ ޙިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަން ކޮށްލަން ލިބޭނެފުރުޞަތަކަށް މި ޙަރަކާތް ވެގެންދާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. އަދި އެމް.އޭ.ސީ.އެލްގެ މީޑިއާ މެނޭޖްމެންޓާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ ޙަރަކާތްތައް މިފަދަ ޚާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރެވޭނެއެވެ.

މި ޙަރަކާތުގައި އެއަރޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ޞިއްހީ ޙިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާނެއެވެ.އަދި މިހުރިހާ މުވައްސަސާތަކުގެ އިމަރޖެންސީ ޕްލޭން ޙަރަކާތްތެރި ކުރެވިގެންދާނެއެވެ.

މިއަދު ފަށާ އެއަރޕޯޓް ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒްގެ ރަސްމީ އެއަރލައިންގެ ގޮތުގައި އެމިރޭޓްސް އެއަރލައިން ބައިވެރިވާނެއެވެ. އަދި ޙަރަކާތް ކުރިއަށް ގެންދާއިރު އެމަރޭޓްސްގެ ސެފްޓީ އޮޕަރޭޝަން ޕްލޭން ޙަރަކާތްތެރިކޮށް އެއަރޕޯޓްގެ އެމަރޖެންސީ ސަރވިސަސްއާއި އެކު ބައިވެވެރިވާނެއެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ޙަރަކާތެއްގައި ބައިނަލްއަޤްވާމީ އެއަރލައިންއަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު، މީގެ ޙަރަކާތުގެ ތެރޭގައި މިހާރު އޮޕަރޭޝަން ފަށާފައިވާ ގިނަ ތަންތަން ޓެސްޓްކުރާނެކަމަށެވެ. އޭގެ ތެރޭގައި މިހާރު ވަގުތީ ގޮތުން ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ ކޯޑް.އެފް ރަންވޭ މިފަދަ ޚާލަތެއްގައި ޓީވީޓްކުރާނެ ގޮތް ޓެސްޓްކުރުން ހިމެނެއެވެ.