ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ ރައީސް ހުޅުވައިދެއްވައިފި


ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހުޅުވައިދެއްވައިފިއެވެ.

މި ސެންޓަރު ޤާއިމްކުރުމުގެ މަޝްވަރާތައް ނިންމައި، އެ މަސައްކަތް ކުރަން ފެށީ މިދިޔަ އަހަރު ނައިބް ރައީސް ފައިޞަލް ނަޞީމް ހުޅުމާލެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ބައްލަވާލައްވާފައެވެ. ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ޚާއްޞަ ތަކެތި ހަދިޔާ ކުރައްވާފައެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަޙައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ ޢާއިލާތަކަށް ބޭނުންވާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ޤާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގައި ޚިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަޙައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެއެވެ. މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ޚިދުމަތް ހޯދަމުންދެއެވެ.


މި ސެންޓަރުގެ މަޤްޞަދަކީ ސެންޓަރުގެ ޚިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމުވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

މި ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ އެ ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމާ ގުޅިގެން ފަސޭހަކަމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެކަމަށެވެ. އަދި މަސައްކަތް ކުރައްވަމަުން ގެންދަވާނީ ވަޞީލަތްތައް އިތުރައް ތަރައްޤީކޮށް ގޮންޖެހުންތަކުން އަރައިގަނެ އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޯށްދިނުމަށްކަމަށެވެ. މާރިޔާ ވިދާޅުވީ އެ ސެންޓަރުގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބާރުވެރިކޮށްދީ ދިރިއުޅުމަށް ބޭނުންވާ އުކުޅުތައް ހޯދާދީ އެކުއްޖެއްގެ މާހައުލުގައި ފަރުވާދިނުމަށް ނިންމާފައިވެއެވެ. އަދި ކުދިން ތަރުބިއްޔަތު ކުރާ މަރުކަޒުތަކާއި މުދައްރިސުންނާއި ކުޅިވަރު ކޯޗުން މެދުވެރިކޮށް އެންމެ ފުރިހަމައަށް ކިޔެވުމުގައާއި ކުޅިވަރުގައި ބައިވެރިވެވޭނެ ފުރުޞަތުތައް އިތުރުކޮށްދިނުމަށްވެސް އެސެންޓަރުން މަސައްކަތް ކުރާނެއެވެ.

2019 ވަނަ އަހަރު ޔުނެސެފުން އާއްމު ކުރި ރިޕޯޓުން ދައްކާގޮތުން 3762 ކުދިން އެކި ކަހަލަ ނުކުޅެދުންތެރިކަން ތަަޙައްމަލު ކުރާކަން ވަނީ ރަޖިސްޓަރ ކުރެވިފައެވެ. މީގެ ތެރެއިން ގިނަ ކުދިންނަކީ ރާއްޖޭގައި މިފަދަ ޚިދުމަތްތައް ފޯރުކޯށްދޭ މަރުކަޒުތައް މަދުވުމުން ލިބެންޖެހޭ ފަރުވާ ނުލިބި ނުވަތަ ލަސްވެފައިވާ ކުދިން ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުން ފާހަގަކުރެއެވެ.