ކުޅިވަރު

މިސީޒަން ނިމެންދެން ޗެލްސީގައި މަޑުކުރާނަން - ޓުޗެލް


ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި މި ސީޒަންގެ ނިޔަލަށް ދެމިހުންނާނެ ކަމުގެ ޔަގީންކަން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ދީފިއެވެ. ރަޝިއާ އިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗާއި ދެކޮޅަށް އިގެރޭސިވިލާތުގެ ސަރުކާރުން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅުތައް އެޅުމުގެ ކުރިން ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލަންވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް، އެކަމަށްވެސް މިހާރުވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިފަދަ ގިނަ ކަންތައްތަކާއި ގުޅިގެން ޗެލްސީއަށް އާމްދަނީ ހޯދުމުގެ ގިނަ ދޮރުތަށްވަނީ ބަންދުވެފައެވެ.

ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލްބުނީ ކޮންމެ ހާލަތެއް މެދުވެރިވިކަމުގައި ވީނަމަވެސް، މިސީޒަން ނިމެންދެން ޗެލްސީގެ ކޯޗްކަމުގައި ދެމިހުންނާނެކަމަށެވެ. އަދި ސީޒަން ނިމުމުންވެސް ޗެލްސީގައި މަޑުކުރާނެކަމާއި ބެހޭގޮތުން ސުވާލް ކުރުމުން ޓުޗެލް ވަކި ޖަބާވެއް ދީފައެއް ނުވެއެވެ. އަދި ކުރިއަށް ކަންތައްތައް ވާގޮތް އެއްވެސް މީހަކަށް ނޭންގޭނެކަމަށާއި ކަންތައްވާގޮތް ބަލަން ތިބީކަމަށް ޓުޗެލް ބުންޏެވެ.

ޗެލްސީގެ ކޯޗްކަމާއި ޓުޗެލް ހަވާލްވުމަށްފަހު ޓުޗެލް ވަނީ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބު ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް ހޯދައިދީފައެވެ.