ކުޅިވަރު

ޔޫވީއަށް ތާވަލްގެ 4ވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓަޑް ވިކްޓްރީއިން ލީޑް ނަގާފައިވަނިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން ފަހަތުން އަރާ މެޗް އެއްވަރުކޮށްފިއެވެ. މިމެޗް އެއްވަރުވެފައިވަނީ 2 ލަނޑު 2 ލަނޑުންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ ޔުނައިޓަޑް ވިކްޓްރީއިންނެވެ. ނަމަވެސް ފަހަރުން އަރާ ސަސްއިން ވަނީ ދެ ލަނޑު ޖަހާ މެޗް އެއްވަރުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައިވަނީ ޔުނައިޓަޑް ވިކްޓްރީއިންނެވެ. އެގޮތުން އެޓީމުން މެޗް ފެށީ ކުރިއަށް ޖެހިލައިގެންނެވެ. މެޗްގެ ފުރަތަމަ 15 މިނެޓްގެ ތެރޭގައި ޔުނައިޓެޑް ވިކްޓްރީން ވަނީ ދެ ގޯލް ޖަހާ ލީޑް ނަގާފައެވެ. ފުރަތަމަ ގޯލް 8ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ކިރްނިސްތާން ގައުމީ ޓީމުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ)އެވެ.

ދެވަނަ ލަނޑު ޓޯނީ ކާމިޔާބުކޮށްދިނީ މެޗް 15ވަނަ މިނެޓްގައެވެ. ދެ ގޯލް ޖެހުމުގެ އިތުރުންވެސް ޔުނައިޓަޑް ވިކްޓްރީން ވަނީ ސަސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި ލިބުނު މަދު ފުރުސަތުގައި ސުޕަރ ޔުނައިޓަޑް (ސަސް)އިންވެސް ވަނީ ޔޫވީގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗްގެ 25ވަނަ މިނެޓްގައި ޔޫވީގެ ދެ ގޯލްޖެހި އަނަޓޯލީގެ ފަޔަން އަނިޔާވުމާއި ގުޅިގެން، އޭނާއަށް މެޗްގެ ކުރީކޮޅުގައި ދެއްކި ކުޅުން ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ. މެޗްގެ 17ވަނަ މިނެޓްގައި ސަސްއިން ވަނީ ނުރައްކާތެރި ހަމަލާއެއް ޔޫވީގެ ގޯލާ ދިމާލަށް ފޮނުވާލާފައެވެ. ގޯލް ކުރިމައްޗަށް ހުރަސްވެގެންދިޔަ ބޯޅައެއް ސަސްގެ އިބްރާހިމް އަތީގް ހަސަން ބޮލުން ޖަހަން މަސައްކަތް ކުރަންއުޅެނިކޮށް، ޔޫވީގެ ކީޕަރު އަނަފް ޒަރިޔަންދު ވަނީ އެބޯޅަ ސަލާމަތްކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަސްއިން ވަނީ ލަނޑެއްޖަހައި ޔޫވީއިން ނަގާފައިވާ ލީޑް ހަނިކޮށްފައެވެ. މިލަނޑު މެޗްގެ 36ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަހާއުއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔޫވީއަށް ވަނީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޓޯނީގެ ފަޔަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން އޭނާ ބަދަލް ކުރަންޖެހިފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަސްގެ ފުރަތަމަ ގޯލް ޖަހައިދިން ޝަހާއުއަށް ނަތީޖާ ހަމަހަމަ ކުރުމަށްވެސް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޝަހާއުއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.

ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފްގައި ސަސްއިންވެސް މެދު ތެރޭގައި ބޯޅަ ހިފަހައްޓައިނެގެން ކުޅުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ކުރިއަށް ޖެހިލައިގެން ކުޅުމުގެ ނަތީޖާއަކަށްވަނީ މެޗްގެ 58ވަނަ މިނެޓްގައި ސަސްއިން ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގް ހަސަންއެވެ. ސަސްއިން ދެވަނަ ގޯލް ޖެހުމާއެކު އެޓީމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔައެވެ. ދެވަނަ ގޯލާއެކު ސަސްއިން ކުޅުން ރަގަނޅުކޮށް، ތިންވަނަ ލަނޑެއް ޖެހުމަށްވެސް މަސައްކަތް ކުރަމުންދިޔައެވެ. އެގޮތުން ސަސްގެ ޔަސްފާދު ހަބީބަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ ދެވަނަ ހާފްގައި ޔޫވީއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމްގެ ޢަލީ ހައިޝަމް (ޗުމްޕު)އަށެވެ. ނަމަވެސް ހައިޝަމް ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މެޗްގެ ފަހު ކޮޅުގައި ދެ ޓީމަށް ވެސް ގޯލް ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިމެޗް އެއްވަރުވުމާއި ގުޅިގެން ލިބުނު 1 ޕޮއިންޓުގެ ސަބަބުން ލީގް ތާވަލްގެ 4ވަނައަށް އަރަން ޔުނައިޓަޑް ވިކްޓްރީއަށް ލިބުނު ފުރުސަތު އެޓީމަށްވަނީ ގެއްލިފައެވެ. ޔޫވީއަށް 6 މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ. މިމެޗުން ލިބުނު ޕޮއިންޓާއެކު ސަސްއޮތީ ތާވަލްގެ 6ވަނައިގައެވެ.