ތަޢުލީމު

ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް!


ކޮންމެ ދިރާސީ އައު އަހަރަކާ ބައްދަލުކުރާއިރު، ދަރިވަރުންނާއި ބެލެނިވެރިންނެކޭ އެއްފަދައިން އެޑިއުކޭޝަން މިނިސްޓްރީންނާއި، ސްކޫލްތަކުންވެސް އައު އަހަރަށް ތައްޔާރުވެއެވެ. ސްކޫލްތަކުގައި ވަޞީލަތްތައް ހަމަކުުރުމާއި، އައު އިމާރާތްތަކުގައި ކިޔަވައިދިނުމަށް ތައްޔާރުވުމާއި، ސްކޫލްތަކުގައި ހުރި މަރާމާތުގެ މަސައްކަތްތައްކޮށް، ސްކޫލްތަކުގެ މަލަމަތި ރީތި ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެއެވެ.ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއާއި ގުޅޭ މައިގަނޑު 3 ކަމެއް މިއަހަރުގެ ދިރާސީ އައު އަހަރު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވެއެވެ. އެއީ  ސްކޫލްތަކުގެ އައު ޢިމާރާތްތަކުގެ މަސައްކަތްތަކާއި، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، އަތޮޅުތަކުގައި ހުރި ސަރުކާރު ސްކޫލްތަކުގައި ޕްރީ ސްކޫލަށް ކިޔަވައިދިނުމާއި ގުޅޭ މަސައްކަތްތަކެވެ.   ސްކޫލްތަކުގެ އައު ޢިމާރާތްތަކާއި، އައު ކްލާސް ރޫމްތައް އިމާރާތް ކުރުމުގެ 125 މަޝްރޫޢެއް މިވަގުުތު ކުރިއަށްދާއިރު، ދިރާސީ އަހަރާއެކު އެންމެ ފާހަގަކުރެވިގެންދިޔައީ ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތް ނިންމައި ކިޔަވައިދޭން ފެށުމެވެ. ހަމަ އެއާއެކު އަތޮޅު ތެރެއިން ހދ. ހަނިމާދޫގައި އަލަށް އިމާރާތް ކުރި އައު ސްކޫލްގައި މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އިމާރާތްކުރި ކްލާސްރޫމްތައް ވެސް ބޭނުން ކުރަން ފަށާފައިވެއެވެ. ޢިމާރާތް ކުރުމުގެ ދާއިރާއިން މިވަގުުތު ކުރިއަށްދާ އެންމެ ބޮޑެތި މަޝްރޫޢުތަކަށް ބަލައިލާއިރު، ށ.މިލަންދޫ ސްކޫލްގެ 4 ބުރީގެ އައު އިމާރާތުގެ މަސައްކަތާއި، ށ.ފުނަދޫ ސްކޫލްގައި އިމާރާތްކުރާ 16 ކްލާސް ރޫމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅުއްވާފައިވާއިރު، ކުރީގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހުރި ތަނުގައި، މަޖީދިއްޔާ ސަކޫލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް 18 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކުރައްވާފައެވެ.  މީގެ އިތުރުން މާލޭގެ ސްކޫލްތަކުގެ ތެރެއިން އަމީނިއްޔާ ސްކޫލް، ކަލާފާނު ސްކޫލް އަދި ޢިމާދުއްދީން ސްކޫލްގައި އަލަށް އިމާރާތްކުރާ ކްލާސް ރޫމްތަކުގެ މަސައްކަތްވެސް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.މާލެއާއި އަތޮޅުތަކުގައި ހުރި ހުރިހާ ސްކޫލްތަކެއްގައި ވޭތުވެދިޔަ އަހަރު މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަންވެސް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ. ދިރާސީ އައު އަހަރަށް ތައްޔާރުވުމަށް އަތޮޅުތަކުގެ ސްކޫލްތައް މަރާމާތު ކުރެއްވުމަށް 17.9 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ. މާލޭގެ ސްކޫލްތައް މަރާމާތު ކުރެއްވުމަށް ޚަރަދު ކުރައްވާފައިވަނީ 7.4 މިލިއަން ރުފިޔާއެވެ. މި މަރާމާތުތަކުގެ ތެރޭގައި ހިމެނެނީ ސީލިންގ، ދިޔަދޮވި، ފާޚާނާ ފަދަ ތަންތަން މަރާމާތު ކުރުމާއި، ވަށާފާރާއި، އާބާތުރަ ފިލުވުމާއި ކުލަލުން ފަދަ މަސައްކަތްތަކެވެ.  ދިރާސީ އައު އަހަރާއި ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން ދެން އެންމެ ބޮޑު އިސްކަމެއް ދެއްވީ އަތޮޅުތަކުގައިވާ ސަރުކާރު ސްކޫލްތަކުގައި ޕްރީ ސްކޫލް ކިޔެވުން ފެށުމަށެވެ. ޕްރީ ސްކޫލް ކުދިންގެ ގޮތުގައި 9,286 ދަރިވަރުން ސަރުކާރު ސްކޫލްތަކާއި އަލަށް ގުޅުނުއިރު، މި ކުދިންނަށް ބޭނުންވާނެ ވަޞީލަތްތައް ހަަމަކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. އެގޮތުން ޕްރީ ސްކޫލް ކުދިންނަށް ބޭނުންވާ އައު ކްލާސް ރޫމްތައް ހެދުމަށް 10 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. އެ ކުދިންނަށް ބޭނުންވާ ގޮނޑި މޭޒު ފަދަ ފަރުނީޗަރު ހޯދުމަށް 2 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައިވެއެވެ. ފާޚާނާ އިމާރާތް ކުރުމަށް 4 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޕްލޭ ގްރައުންޑް ހެދުމަށް ވަނީ 7.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މާލެއާއި އަތޮޅުތަކުގައި ސްކޫލްތަކުގެ ޢުމުރާނީ ތަރައްޤީއާއި ގުޅޭ 140 މަޝްރޫއު ވޭތުވެދިޔަ އަަހަރު ހިންގާފައިވާ ކަމަށާއި، މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު އެ މަޝްރޫއުތަކުގެ ފައިދާ ފެނިގެން ހިގައްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.