ކުޅިވަރު

ދަ ގްރާންޑޭ ބަލިކޮށް ޓީސީއިން ތާވަލްގެ 4ވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ތާވަލްގެ 4ވަނައަށް ޖެހިލައިފިއެވެ. މިމެޗް ޓީސީއިން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 0 ލަނޑުންނެވެ. މިމެޗް ފެށިގެން މޮޅަށް ކުޅެފައިވަނީ ޓީސީއިންނެވެ. މެޗް ފަށައިގެން ވެސް ޓީސީން ވަނީ ކުރިއަށް ޖެހިލައިގެން ކުޅެފައެވެ. އެގޮތުން މެޗްގެ 12ވަނަ މިނެޓްގައި ޓީސީއިން ވަނީ ލީޑް ނަގާފައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ މިސްރު ފޯވާޑް މުޙައްމަދު ސަލާހެވެ. މިއީ ދަ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސަލާހު ޖެހި ގޯލެކެވެ.

މެޗްގައި ޓީސީއިން ލީޑް ނެގުމާއެކު ދަ ގްރާންޑޭއިން ވެސް ވަނީ ކުޅުން ރަގަނޅުކޮށް ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގައި ސްރީ ލަންކާ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޗަމޯދު ދިލްޝާނާއި މުޙައްމަދު އާކިބް ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފައެވެ. ނަމަވެސް މިހަމަލާތައް ދަ ގްރާންޑޭގެ ކީޕަރު ލަންކާ ގައުމީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގެ 12ވަނަ މިނެޓްގައި ޓީސީން ޖެހި ގޯލާއެކު، އެޓީމަށް މެޗްގެ ފުރަތަމަ ހާފްގައި އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްވެސް ޓީސީއިން ފަށާފައިވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ކުރިއަށް ޖެހިލައިގެންނެވެ. ދަ ގްރާންޑޭއަށް މާރަގަނޅު ކުޅުމެއް މިމެޗްގައި ދެއްކިފައިނުވާއިރު، އޭގެ ފައިދާ ނަގައި، ޓީސީން ވަނީ މެޗްގެ 65ވަނަ މިނެޓްގައި އެޓީމުގެ 2ވަނަ ލަނޑު ޖަހާފައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު މުސްލިހެވެ. ދަ ގްރާންޑޭއިން ވެސް އެޓީމަށް ލިބުނު މަދު ފުރުސަތުގައި ޓީސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެޓީމްގެ ޖަޕާން މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފައެވެ.

މެޗްގެ 74ވަނަ މިނެޓްގައި ޓީސީއިން ވަނީ 3ވަނަ ގޯލް ޖަހާފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު މުސްލިހެވެ. އަދި ޓީސީގެ 4ވަނަ ގޯލްޖެހީ މުޙައްމަދު އަޖުފާނެވެ. މިމެޗްގެ ފަހު މިނިޓްގައި ދަ ގްރާންޑޭގެ ޔޫގޯއަށް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާއަށް އެފުރުސަތުގެ ބޭނުޖް ހިފޭގޮތެއް ނުވިއެވެ.