ޚަބަރު

ށ.ބިލެއްފަހި ބަނދަރުގެ މަސައްކަތް ޖޫންމަހަށް ނިންމާލެވޭނެ: ކައުންސިލް


ށ.ބިލެއްފަހީގައި ސަރުކާރުން ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް މިއަހަރުގެ ޖޫންމަހަށް ނިންމާލެވޭވަރުވާނެ ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އާ ހަވާލާދީ އެރަށު ކައުންސިލުން ބުނެފިއެވެ.

ބިލެއްފަހީގައި ކުރިން އޮތް ބަނދަރު މަރާމާތުކޮށް އެ ބަނދަރަށް އިތުރު ބައެއް ގުޅާލުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭރު ބަނދަރު ބޮޑުކުރުމަށް ސަރުކާރުން ނިންމާފައި އޮތީ 100 ފޫޓްގެ ސަރަހައްދެކެވެ. އެހެން ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލުން ކުރިމަސައްކަތުން އިތުރު 200 ފޫޓް ބަނދަރަށް އިތުރު ކުރުންވެގެންދިޔައީ ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. ބަނދަރު ބޮޑުކުރުމާ އެއްވަރަށް ބަނދަރުގެ ބޭރު ތޮށްޓަށް އައި ބަދަލަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވިއެވެ.

ބިލެއްފަހީގައި 2007 ވަނަ އަހަރު ތަަރައްޤީކޮށްފައި އޮތީ 300 ފޫޓްގެ ބަނދަރެކެވެ. އެބަނދަރަށް ވަދެ ނުކުތުމަށް ހަދާފައި އޮންނަ ނެރަކީ މޫސުން ގޯސްވާ ދުވަސްތަކުގައި ބިޔަ ރާޅު ނަގާ ތަނަކަށް އޮންނަނީ ވެފައެވެ. އެސަބަބާހުރެ މޫސުން ގޯސްވާ ދުވަސްތަކުގައި އެރަށު ފަޅަށް ވަދެނުކުމެ ހެދުމަކީ އެހާފަސޭހަކަމަކަށް ނުވާތީ ނެރު ކެނޑުމާ ބޭރު ތޮށިލުމަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ޒިޔާދު ވިދާޅުވިއެވެ.

ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 50376 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 434 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 1,565 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ބިލެއްފަހި ބަނދަރުގެ ބޮޑުބައެއް މިހާރުވަނީ ނިންމާފައެވެ. އެގޮތުން ބަނދަރު ފުންކޮށް އެއްގަމު ތޮށިލާވަނީ ނިންމާ ބަނދަރު ހިމެނޭ ސަރަހައްދުގައި ދުވާރުހަދާ މަގުމައްތިހަރުކޮށް ވަނީނިންމާފައެވެ. މިމަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު ދެން ކުރަންހުރީ ބަނދަރުގެ ނެރު ފައިކަށީގެ ދެފަރާތުގައި ހިލަ ޖެއްސުމާ ބޭރު ތޮށީގަ ހިލަ ޖެއްސުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލްގެ ރައީސް ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެމުން ކިޔައިދިނެވެ. އަދި މިޙާރު މަސައްކަތް ދާ ހަލުވިމިނަށް ބަލާނަމަ ކުރިއަށް މިއޮތް ތިންމަސްތެރޭ ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ތޮށިލުމަށް ބޭނުންވާ ހިލައިގެ ތިންވަނަ ޝިޕްމަންޓްވެސް ވަނީ އެރަށަށް މިހާރު ގެންގޮސްފައެވެ.