ކުޅިވަރު

ޓީރެކްސް ބަލިކޮށް ކިންގްސް ފައިނަލަށް


ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފިއެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ކިންގްސްއިން ހޯދީ ސެމީ ފައިނަލް މެޗްގައި ޓީރެކްސް ބާސްކެޓް ބޯލް ކުލަބް ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މިމެޗް ކިންގްސްއިން ކާމިޔާބުކޮށްފައިވަނީ 89 ޕޮއިންޓް 72 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމަށް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ކުއަޓަރ ނިމުނުއިރު، ލީޑްގައި އޮތީ ޓީރެކްސްއެވެ. އެއީ 2 ޕޮއިންޓްގެ ތަފާތުންނެވެ. މެޗްގެ ދެވަނަ ކުއަޓަރގައި ކިންގްސްއިން ވަނީ އެޓީމްގެ ކުޅުން ރަގަނޅުކޮށް، ދެވަނަ ކުއަޓަރގައި ލީޑް ނަގާފައެވެ. މިމެޗްގައި ޓީރެކްސްއަށް ޕޮއިންޓް ހޯދަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، ކިންގްސްއިން ދިޔައީ ގާތްގާތުގައި ޕޮއިންޓް ހޯދާ އެޓީމަށް ލިބިފައިވާ ލީޑް ފުޅާކުރަމުންނެވެ. ދެވަނަ ކުއަޓަރ ނިމުނުއިރު، ކިންގްސްއިން ވަނީ 15 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ތިންވަނަ ކުއަޓަރގައި ޓީރެކްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް ކިންގްސްއިން ނަގާފައިވާ ބޮޑު ލީޑް، ޓީރެކްސްއަށް އަތުލެވޭ ގޮތެއް ނުވިއެވެ. މެޗްގެ ފަހު ކުއަޓަރގައި ޓީރެކްސްއިން ވަނީ ކިންގްސްއިން ނަގާފައިވާ ލީޑް ހަނިކޮށްފައެވެ. ނަމަވެސް މެޗުން މޮޅުވެވޭ ވަރަށް ޕޮއިންޓް ހޯދޭ ގޮތެއް ނުވިއެވެ. އަދި މެޗްގެ ދެވަނަ ކުއަޓަރއިން ފެށިގެން މެޗް ނިމެންދެން ވެސް ކިންގްސް އޮތީ ލީޑްގައެވެ. ލީޑްގައި އޮވެ، ކިންގްސްއިން މެޗް ކާމިޔާބުކުރީ 89 ޕޮއިންޓް 72 ޕޮއިންޓުންނެވެ.