ޚަބަރު

ޤައުމީ ސަލާމަތާއި ޚާރިޖީގުޅުންތަކަށް ބުރޫއަރާފަދަ ވާހަކަތަކެއް ރައީސް ޔާމީނަށް ނުދެއްކޭނެ: ނަޝީދު


ރާއްޖޭގެ ޤައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކަށް ނުރައްކާ ވާގޮތަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ވާހަކަ ނުދެއްކެވޭނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީުގެ ޖަލްސާ ފަށްޓަވަމުން ރައީސް މުޙައްމަދު ނަޝީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ދައްކަވާފައިވާ ވާހަތައް ދޮގުކުރައްވައި، އެއްބަސްވުމުގައި ހުރި ވާހަކަތަކުގެ ތަފްސީލް ދެއްވާފައެވެ.

އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޙަރަކާތެއްގައި ރައީސް ޔާމީން ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ބުރޫއަރާފަދަ ގޮތަކަށް އޮތް އެއްބަސްވުމެއްކަމަށެވެ. ރާއްޖެއާއި އިންޑިއާއިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއްނެތި މިހާރު ރާއްޖެ ސަރަޙައްދަށް ވަދެވޭނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭގޮތަށް އެއްބަސްވުން ހަދާފައިވާ ކަަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އަދި އެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ބޭނުން ބާވަތެއްގެ ހަތިޔާރެއް ބޭނުން މިންވަރަކަށް އެތެރެ ކުރެވޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މިވާހަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މިމައްސަލާގައި މަޖިލީހުގެ 241 ކޮމެޓީން ހެދި ދިރާސާގައި އުތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން އެތަނުގައި ގާއިމްކުރެވޭ ފެސިލިޓީތަކާއި، އިންފްރާސްޓްރަކްޗާއާއި، އިންޓަރލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާއި، އެތަނުގައި އިންސްޓޯލްކުރެވޭ އިކުއިޕްމަންޓްތަކަކީ، ހަމައެކަނި ދިވެހި ދައުލަތުގެ މިލްކެއްކަމުގައި އެއެގްރީމަންޓުގައި ބަޔާންކޮށްފައި ވާކަމަށެވެ.

"ދިވެހި ދައުލަތުގެ ނަމުގައި ދިވަހި ސަރުކާރުން ވެފައިވާ އަސްކަރީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުންތަކާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ވާހަކަ ދައްކައި ފެތުރުމަކީ ދިވެހި ރާއްޖޭގެ ޤައުމީ ސަލާމާތަށް ނުރައްކާތެރިކަން ހުރި އަދި ދިވެހި ރާއްޖެއާއި ދޭދޭ ޤައުމުތަކާއި އޮންނަ ޚާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށްވާތީ މިވާހަކަ އަޅުގަނޑު މިދެންނެވީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންގެ 8ވަނަ ނަންބަރުގައި އުތުރު ތިލަފަޅުގައި ތަރައްޤީ ކުރެވޭ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރެވޭނީ އެކިއެކި ތަމްރީން ޕްރޮގުރާމު ހިންގުމަށާއި، ދިމާވާ ކާރިސާތަކާއި ގުޅިންނާއި، އަދި އެކްކްލޫސިވް އިކޮނޮމިކް ޒޯން ސަވައިލަންސަށް ބޭނުންވާ މަސައްކަތް ކުރުމާއި، އެމަސައްކަތަށް ބޭނުންވާ އުޅަދުތައް މަރާމާތު ކުރުގެ މަސައްކަތް ކަމުގައެވެ.

މީގެ އިތުރުން ބޭރުގެ އުޅަދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެވޭނީ، ކަމާއިބެހޭ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތީން ދިވެހި ރާއްޖޭގެ އިދާރާތަކުގެ ހުއްދަ ލިބިގެން ކަމާއި، އުތުރު ތިލަފަޅު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގެ ދަށުން އެފަދަ ހުއްދަ ހޯދުމަކާއި ނުލައި އިންޑިއާގެ މަނަވަރަކަށް ދިވެހި ރާއްޖޭގެ ސަރަހައްދަށް ވަދެވޭނޭކަމަށް ބަޔަނާކޮށްފައިނުވާކަމަށެވެ.

މިއާއިއެކު މިއެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާކަމަށް ވިދާޅުވި ވާހަކަފުޅަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފްވާހަކަ އެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީންވެސް ވަނީ ރައީސް ޔާމީންގެ ވާހަތައް ދޮގު ކުރައްވާފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭނުންތަކަށް ޢަމާޒުކޮށް، ޤައުމީ ދިފާޢީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށެވެ. އަދި އެ ބަނދަރަކީ ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަރައްޤީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށާއި، އެ ތަނަކީ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޑިފެންސްގެ ބަޔާނުގައި އެހެން ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ޙައްޤެއްކަމުގައި ޑިފެންސް ވިދާޅުވެއެވެ. އަދި ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ނުވަތަ އެ ބަނދަރަށް ވަންނަން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަމަށެވެ. އަދި ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ހަރަކާތްތެރިނުވާކަމަށްވެސް ޑިފެންސް މިނިސްޓްރީ ވިދާޅުވިއެވެ.