ޚަބަރު

މުުޖްޠަބާ ޚާމަނާއީ ފެންނަ ވީޑިޔޯއެއް އީރާނުން އާއްމުކޮށްފި


އީރާނުގެ ރޫޙީ ވެރިޔާ މުޖްޠަބާ ޚާމަނާއީގެ ވީޑިޔޯއެއް އެ ޤައުމުން އާންމުކޮށްފިއެވެ. އީރާނުން އެ ޤައުމުގެ ރޫޙީ ވެރިޔާ ފެންނަ ވީޑިޔޯއެއް އާންމުކޮށްފައި މި ވަނީ އޭނާގެ ޞިއްޙީ ޙާލުކޮޅު ވަރަށް ދެރަ ކަމަށް ބުނާ ރިޕޯޓުތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި އޭރު ހުންނެވި އާޔަތުالله ޢަލީ ޚާމަނާއީ ވަނީ ޝަހީދުކޮށްލައިފައެވެ. އޭނާއަކީ މުޖްޠަބާ ޚާމަނާއީގެ ބައްޕާފުޅެވެ. ބައްޕާފުޅު ޝަހީދުވުމާ ގުޅިގެން ރޫޙީ ވެރިޔާގެ މަޤާމަށް މުޖުޠަބާ ޚާމަނާއީ އިސްކޮށްފައި ވަނީ މާރިޗު މަހުގެ 8ވަނަ ދުވަހުއެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޢަލީ ޚާމަނާއީއަށް އަމާޒުކޮށް ދިން ހަމަލާގައި މުޖުޠަބާ ޚާމަނާއީއަށް ވެސް ޒަޚަމްތަކެއްވެ، މޫނުފުޅަށް ގެއްލުންތަކެެއް ލިބިފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ހަމަލާގެ ފަހުން މުޖުޠަބާ ޚާމަނާއީ ޢާންމުންނަށް ފެނިފައެއް ނުވެއެވެ.

އީރާނުގެ ސަރުކާރާ ގުޅުންހުރި ނުރަސްމީ ނޫހެއް ކަމަށްވާ މެހްރު ނިއުސް އޭޖެންސީއިން އާންމުކުރި ވީޑިޔޯއިން މުޖްޠަބާ ޚާމަނާއީ ގިނަ ބައެއްގެ ތެރޭގައި ހުންނަވާ މަންޒަރު ފެނެއެވެ. އެ ވީޑިޔޯއިން ފެންނަ ގޮތުގައި މުޖްޠަބާ ޚާމަނާއީ ހުންނެވީ އަރިހުގައި ތިއްބެވި ބޭފުޅުންނާ ވާހަކަ ދައްކަވާށެވެ. އެ ވީޑިޔޯއަކީ ކޮން އިރަކު އަދި ކޮން ތަނަކު ނަގާފައިވާ ވީޑިޔޯއެއް ކަން އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އަރިހުގައި ތިއްބެވި ބޭފުޅުންގެ ވަނަވަރު ހާމަކޮށްފައެއް ވެސް ނުވެއެވެ.

އެ ނޫހުން އިތުރަށް ބުނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ މުޖްޠަބާ ޚާމަނާއީ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އީރާނަށް މި ވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ. އެ ގޮތުން އާންމުންގެ ބޭނުންތަކާއި އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސް ކަމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ. އޭގެ އިތުރުން ބޭރުގެ ބައިވެރިންނާއެކު ކުރާ އިޤްތިޞާދީ މުއާމަލާތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އީރާނާއި އެމެރިކާއިން ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. އޭގެ ފަހުން، މިދިޔަ ޖޫން މަހުގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނެސް ދާއިމީ ސިފައެއްގައި ޞުލްޙަ ޤާއިމް ކުރުމަށް ދެ ޤައުމުގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އެ އެއްބަސްވުން ރޫޅި ދެ ޤައުމުން ވަނީ އަނެއްކާ ވެސް ހަމަލާތައް ބަދަލުކޮށްފައެވެ. އަނެއްކާ ވެސް މަޝްވަރާތައް ކުރަން ފަށާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ހަމަލާތައް ފެށިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަނެއްކާ ވެސް ހަމަލާތައް މެދުކަނޑާލައިފައެވެ.