ޚަބަރު

ބޯޓުތަކަށް ރައްކާތެރިކަމާއެކު ފުރޭނެގޮތް، އދ.ގެ ޝިޕިންގ އޭޖެންސީން ހޯދައިދެނީ


ހަނގުރާމައިގެ ސަބަބުން ނުފުރި ތާށިވެފައިތިބި ވިޔަފާރި ދަތުރުކުރާ ބޯޓުތަކަށް ރައްކާތެރިކަމާއެކު ފުރުމުގެ މަގު ފަހިކޮށްދޭނެކަމަށް އދ.އިން ބުނެފިއެވެ.

ފެބްރުއަރީ 24ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދޭންފެށުމާއެކު ކަޅު ކަނޑާއި ސީ އޮފް އަޒޮވް ގެ ކަނޑުގެ ސަރަޙައްދު ވަނީ ރަޝިޔާގެ އަސްކަރީ ބާރުގެދަށަށް ގެންގޮސްފައެވެ.

ޔޫކްރެއިނުގެ މެރިޓައިމް އޮފިޝަލުން ހާމަކުރައްވާގޮތުގައި މި ސަރަޙައްދުގައި ހަނގުރާމައިގެ ސަބަބުން 100 އަށްވުރެ ގިނަ ބޭރު ބޯޓު ނުފުރި މި ސަރަޙައްދުގައި ތާށިވެފައި އެބައޮތެވެ. އަދި އެތައް ސަތޭކަ ފަޅުވެރިންނެއް ޔޫކްރެއިނުގެ ޕޯޓުގައި ހައްޔަރުވެފައި އެބަތިއްބެވެ.

މި ބޯޓުތަކުގެތެރެއިން މިސައިލް ޙަމަލާގެ ޝިކާރައަކަށްވެ މިދިޔަ ހަފްތާގައި ޔޫކްރެއިނުގެ އޮލްވިއާ ޕޯޓުގައި އޮތް ބަންގްލަދޭޝްގެ ކާގޯ ބާޓެއްގެ ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ޙަމަލާތަކުގައި އިތުރު 4 ބޯޓަކަށް ގެއްލުންވެ، އޭގެތެރެއިން އެއް ބޯޓު އަޑިއަށްގޮސްފައިވެއެވެ.

ވިޔަފާރިދަތުރުކުރާ ބޯޓުތައް ތާށިވެ، ފަޅުވެރިން ނުރައްކަލަށް ހުށަހެޅިފައިވާތީ، މި މައްސަލައަށް ޙައްލެއް ހޯދައި، ވިޔަފާރިބޯޓުތަކާއި އެހެނިހެން ކަނޑުދަތުރުވެރިން ސަލާމަތުން ފުރުވާލުމުގެ މަގު ހޯދުމުގެގޮތުން އދ ގެ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން މިދިޔަ ހަފްތާގައި ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި މެރިޓައިމް ކައުންސިލުގެ 40 މެމްބަރު ޤައުމުގެ އިތުރުން ޔޫކްރެއިން ފަދަ ކައުންސިލްގައި ނުހިމެނޭ ޤައުމުތައްވެސް ބައިވެރިކޮށްފައިވެއެވެ.

ބައްދަލުވުންތަކަށްފަހު ޖަމުޢިއްޔާގެ ސެކެޓްރީ ޖެނެރަލް ކިޓަކް ލިމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކާއި ގުޅިގެން ވީހާ އަވަހަށް، ސޭފް މެރިޓައިމް ކޮރިޑޯއެއްގެ ދަށުން، ހަނގުރާމައިގެ ނުރައްކާ އޮތް ހިސާބުތަކުގައި ތިބި ބޯޓުތައް ރައްކާތެރި ހިސާބަކަށް ފޮނުވާނެކަމަށެވެ.

ޙަމަލާތަކުގައި ވިޔަފާރި ދަތުރުގައި ނިކުމެ އުޅޭ ބޯޓުތަކަށާއި، ފަޅުވެރިންނަށް ގެއްލުންވަމުންދާތީ ޔޫކްރެއިނުން މި ޢަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރެއެވެ. ނަމަވެސް ޤަސްދުގައި ޢާއްމު ފަރުދުންނަށް ޢަމާޒުކޮށް ޙަމަލާ ނުދޭކަމަށްބުނެ މިކަމަށް ރަޝިޔާއިން ވަނީ ތަކުރާރުކޮށް އިންކާރުކޮށްފައެވެ.