ޚަބަރު

ކޯވިޑަކީ ޢާއްމު ރޯގާއެއްގެ ގޮތުގައި އަދި ކަނޑައެޅޭކަން ނެތް - މައިމޫނާ


ރާއްޖޭގައި ކޯވިޑް-19އަކީ ޢާންމު ރޯގާއެއްގެގޮތުގައި މިވަގުތު ކަނޑައެޅޭކަން ނެތްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ކޯވިޑްގެ މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިމޫނާ ވިދާޅުވީ އަދިވެސް ކޯވިޑް-19އަކީ ދުނިޔޭގައި ޕެންޑެމިކެއްގެގޮތުގައި އޮތް ބައްޔެއްކަމަށާ، މިހާރުގެ ހާލަތަށް ބެލުމަށްފަހު މިއީ ޢާއްމު ރޯގާއެއްގެ ގޮތުގައި ބަލައިގަނެވޭކައް ނެތްކަމަށެވެ. އަދި ދުނިޔޭގައި މި ބައްޔަކީ ޕެންޑެމިކްއެއްގެ ގޮތުގައި އޮތްހާހިނދަކު މިއީ ޢާންމު ރޯގާއެއްގެގޮތުގައި ބަލައިނުގަންނާނެކަމަށާ އަދިވެސް ބަލިއިތުރަށް ގޯސްވެދާނެކަމަށް ބަލައި ތައްޔާރުވެގެން ތިބެން ޖެހޭކަމަށްވެސް މައިމޫނާ ވިދާޅުވިއެވެ. މިވަގުތު ކޯވިޑްގެ ކޭސްތައް މަދުކުރެވިފައިވަނީ ގިނަ ބައެއްގެ މަސައްކަތުންކަމަށާ، މިއީ ކާމިޔާބެއްގެގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކޯވިޑްގެ ޙާލަތަށް ބެލުމަށްފަހު މިހާރުވަނީ ގިނަ ފިޔަވަޅުތަކެއް އުވާލާ ލުއިތަކެއް ދީފައެވެ. މިގޮތުން ޢާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރާއްޖެއިން ބޭރުން އަންނައިރު ހަދަން ޖެހޭ ޕީސީއާރް ޓެސްޓް ހަދަން ނުޖެހުން ހިމެނެއެވެ. އަދި ވެކްސިން ފުރިހަމަ ނުކުރިނަމަވެސް ކަރަންޓީނުވާން ނުޖެހޭގޮތަށް މިހާރު ވަނީ ނިންމާފައެވެ.