ކުޅިވަރު

ކޮމަންވެލްތު ކޮލިފައިންގައި ސާޖިދާއި އާދަމް ވާދަކުރަނީ


ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖެއިން ވާދަކުރާނީ އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއަރކަމަށް ހަމަޖައްސައިފިއެވެ. ސްރީލަންކާގައި މިމަހުގެ 18 އިން 19އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ސާޖިދާއި އާދަމް ހަމަޖައްސާފައިވަނީ މިހާރު ގައުމީ ބީޗް ވޮލީ ޓީމުން ގަތަރުގައި ކުރިއަށްދާ ކޭންޕުގެ ތެރެއިންނެވެ.

މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރަނޭޝް ވިދާޅުވީ ސާޖިދާއި އާދަމްގެ ޕެއަރ ހަމަޖެއްސީ ގަތަރުގައި މިހާރު ކުރިއަށްދާ ކޭންޕްގެ ތެރެއިން ކުޅެމުންދާ އެކުވެރިކަމުގެ މެޗްތަކަށް ބަލާފައިކަމަށެވެ. އަދި ޤައުމީ ބީޗް ވޮލީ ބޯޅަ ޓީމުގެ އެންމެހައި ކަންތައްތައް މިހާރު ބަލަހައްޓަމުންދަނީ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީއެވެ. ޤައުމީ ބީޗް ވޮލީ ޓީމް މިހާރު ގަތަރުގައި ކުރަމުންދާ ކޭންޕްގައި ސާޖިދާއި އާދަމްގެ ޕެއަރގެ އިތުރުން އަހުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ޕެއަރއިންދަނީ ބައިވެރިވަމުންނެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ މިދިޔަ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯންގެ ފުރަތަމަ ބީޗްވޮލީބޯޅަ މުބާރާތުގައި ވެސް ވާދަކޮށްފައެވެ. މިއީ މިދެ ކުޅުންތެރިން ޕެއަރއެއްގެ ގޮތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ކޮމަންވެލްތު ބީޗް ވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭގެ ޕެއަރ ވާދަކުރަން ޖެހެނީ ލަންކާ، މެލޭޝިއާ އަދި ސިންގަޕޫރު ޕެއަރއާއެވެ.