ކުޅިވަރު

ގްރީން ކޮޅަށް މާޒިޔާއިން 6 ލަނޑު ޖަހައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ގްރީން ސްޓްރީޓްސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި، ތާވަލްގެ އެއްވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިއަދު ހަވީރު ކުޅުނު މެޗް މާޒިޔާއިން ކާމިޔާބު ކުރީ 6 ލަނޑު 0 ލަނޑުންނެވެ.
މިމެޗްގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ޓާނާ ވަނީ ހެޓްރިކެއް ހަދާފައެވެ. މިމެޗުން ލިބުނު 3 ޕޮއިންޓާއެކު މާޒިޔާއަށް ވަނީ 6 މެޗުން 18 ޕޮއިންޓް ލިބިފައެވެ.

މެޗް ފަށައިގެން އެއްވެސް ވަގުތުކޮޅެއް ބޭކާރުކޮށްނުލައި މާޒިޔާއިން ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. މެޗްގެ ފުރަތަމަ މިނެޓްގެ ތެރޭގައި މާޒިޔާގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. މިފުރުސަތަށް ފަހުވެސް މާޒިޔާއިން ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. މާޒިޔާއިން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 18ވަނަ މިނެޓްގައެވެ. މިގޯލް މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ކޯނޭއެވެ. މެޗްގެ ފުރަތަމަ ހާފްގައި ގްރީން ސްޓްރީޓްސްއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތު ލިބިގެންދިޔައީ ހަސަން ފަވާޒަށެވެ. ފަވާޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މާޒިޔާއިން ވަނީ މެޗްގެ ފުރަތަމަ ހާފް ނިނުމުގެ ކުރިންވަނީ ދެ ގޯލް ޖަހައި ލީޑް ފުޅާކޮށްފައެވެ. މިދެ ގޯލްވެސް މާޒިޔާއަށް ކާމިޔާބުކޮށްދިނީ ޓަނާއެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. ދެވަނަ ހާފްގެ ފެށިގެން 5 މިނެޓް ވެސް ނުވަވީސް އެޓީމުގެ ހަސަން ނާއިޒް ވަނީ މާޒިޔާގެ 4ވަނަ ގޯލް ޖަހާފައެވެ. މާޒިޔާއިން 4 ގޯލްގެ ލީޑެއް ނެގިނަމަވެސް، ގްރީން ސްޓްރީޓްސްއިން ވެސް ގޯލް ޖެހުމަށް ފުރުސަތު ހޯދިއެވެ. ގްރީން އަށް ލިބުނު ހިލޭ ޖެހުން ފޮނުވާލާފައިވަނީ ކެޕްޓަން ރިޟްވާން ވަހީދެވެ. ރިޟްވާން ފޮނުވާލި ފޮނުވާލި ގޯލް އަމާޒްވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މެޗް 78ވަނަ މިނެޓްގައި ޓާނާވަނީ ގޯލެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މާޒިޔާގެ 6ވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ އިތުރުވަގުތުގެ ތެރޭގައި ހަމްޒާ މުޙައްމަދެވެ.

މިމެޗުން ގްރީން ބަލިވުމާއި ގުޅިގެން އެޓީމް 6 މެޗުން ގްރީންއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ގްރީން އޮތީ ލީގް ތާވަލްގެ 5ވަނައިގައެވެ.