ޚަބަރު

ކޯވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް 71 ބިލިއަން ރުފިޔާގެ ގެއްލުން


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ވީޑިޔޯ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑާއެކު ރާއްޖެ ހޭދަކުރި ދެ އަހަރުގެ ތެރޭގައި ކުރިމަތިވި ދަތިތަކާއި ތަޙައްމަލުކުރަން ޖެހުނު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ ވަރަށްކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާއެއްގެ ގޮތުން، ކޯވިޑް ކޮންޓްރޯލްކުރެވޭ ޤައުމުތަކުގެ އެންމެއިސް ސަފުގައި ރާއްޖެ ހިމެނިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑްގެ ސަބަބުން މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިޤްތިޞާދީ ގޮތުން އެންމެބޮޑު ގެއްލުމެއް ކުރިމަތިވާނެކަމަށް ލަފާކުރެވުނީ ރާއްޖެއަށްކަން ފާހަގަކުރައްވައި މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނުކަމަށް އަންދާޒާ ކުރެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ގޭބިސީތަކުގެ ކަރަންޓާއި ފެންބިލްތަކުން ޑިސްކައުންޓްތަކެއް ދެވުނު. ވަޒީފާ ގެއްލުނު މީހުންނަށާއި، މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު. ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު. ވަޒީފާތަކުން މީހުން ވަކިނުކުރުމަށް ޝަރުޠުކޮށް، ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރެވުނު. އިޖުތިމާޢީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވުނު. ރިޒޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދުން ފެށިގެން ނިމުމަކަށް ގެންނައިރު، މި އަހަރުގެ ތެރޭގައި އެންމެ ހަލުވިކޮށް އިޤްތިޞާދު ކުރިއަރާނެކަމަށް، ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ 5 ޤައުމުގެ ތެރޭގައި، ރާއްޖެވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ ޙަޤީޤީ ސިއްރަކީ ކޯވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުންކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"ހަމައެފަދައިން، އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގައި، ދިވެހި ރައްޔިތުންނާއި، ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތައް ހިތްވަރާއި ޢަޒުމާއެކު، ވަރުބަލިވުމެއްނެތި ކުރި މަސައްކަތް. އެ ބުރަ މަސައްކަތަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވި ޞިއްޙީ ދާއިރާގެ އެންމެހައި ޚިދުމަތްތެރިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ. ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ދިވެހި ސިފައިންނާއި، ދިވެހި ފުލުހުންނާއި، އެހެން މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތް ކުރައްވާ ދަރުމަވެރިން ކުރެއްވި މިންނެތް މަސައްކަތް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑްގެ އެޙާލަތުގައި ވެސް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން ތަފާތު ގޮތްގޮތުން ރައްޔިތުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި މަސައްކަތްތަކާއި ކޯވިޑްގެ ޙާލަތުން އަރައިގަތުމަށް ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތްތަކާއި ޚާއްޞަކޮށް އެކުވެރި ޤައުމުތަކާއި ޖަމާއަތްތަކުން ދިން އެއްބާރުލުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އިންޑިއާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ޗައިނާ، ބަނގްލަދޭޝް އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، އ.ދ.ގެ ބައެއް އިދާރާތަކުން ވެދިން އެހީތެރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"އިންޑިއާގެ ވަރަށް ގިނަ ދީލަތި އެހީތަކެއް، މިދިޔަ ދެ އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ލިބިއްޖެ. އެންމެ ގިނަ ޢަދަދަކަށް ކޯވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރީ އިންޑިޔާ. އިޤްތިޞާދީ ގެއްލުން ކުޑަކުރުމަށް، 250 މިލިއަން ޑޮލަރުގެ ބޮންޑު އިންޑިއާއިން ވަނީ ގަނެފައި. ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ، ވަރަށް ގިނަ ސާމާނު ހަދިޔާކުރި. ފަތުރުވެރިކަން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، ރާއްޖެއަށް ޓްރެވަލް ކޮރިޑޯއެއް ހުޅުވައިދިން." ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައި ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރި ތަޖުރިބާތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަލިން ރައްކާތެރިވުމަށްޓަކައި އާދައަކަށް ހެދި، ޞިއްޙީ ރަނގަޅު އާދަތައް އެގޮތުގައި ދަމަހައްޓަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.