ޚަބަރު

ހަނގުރާމަ ހުއްޓާލައި ސުލްހައިގެ މަގު އިޚްތިޔާރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި


މިހާރު ހިނގަމުންދާ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.

ޤައުމާއި މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ވަނީ ރަޝިއާއާއި ޔޫކްރައިންގެ ހަނގުރާމައާމެދު ކަންބޮޑުވުން ފާޅު ކުރައްވައި، ޔޫކްރެއިންގެ ރައްޔިތުންގެ މިހާރުގެ ޙާލަތާމެދު ކަންބޮޑުވާކަން ހާމަ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫކްރެއިން މައްސަލަގައި ރާއްޖޭގެ ނިންމުން ވަރަށް ސާފުކަމަށެވެ. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ ކޮންމެ ޤައުމެއްގެވެސް މިނިވަންކަމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮންމެ ޤައުމެއްގެވެސް މިނިވަންކަން ޙިމާޔަތްކުރުމަކީ ދިވެހި ސަރުކާރުން އަބަދުވެސް ޤަބޫލުކުރާނެ ގޮތްކަމަށް ރައީސުލްޖުމްހޫރުއްޔާ ވިދާޅުވިއެވެ.

ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަން ފާހަގަކުރެއްވައި އޭގެ ނުރަނގަޅު އަސަރުތަކެއް ރާއްޖޭގެ އިޤްތިޞާދަށް ވެސް ކުރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫކްރޭން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މި ހަނގުރާމައިގެ އަސަރުކުރާނެކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ޔޫކްރޭނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ޤައުމަށް ދެވޭނެ ދުވަހެއް ޔަޤީން ނުވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން މިހާރު މަސައްކަތްކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ މިހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ޙާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސްއިން މިހާރު ފިޔަވަޅުތައް އަޅަމުންގެންދަވާކަމަށާއި މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން މިހާރު ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.